އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު މަޖިލީހުގައި ވާހަކަދައްވަނީ (ފޮޓޯ/މަޖިލިސް)
އެމްޑީޕީން އަރަބިއްޔާ ސްކޫލުގެ ކުދިން ގެންގުޅުނީ ރެފިއުޖީން ގޮތަށް: ޝަފީއު
އިދިކޮޅު އެމްޑީޕީގެ ސަރުކާރުން އެންމެ ހިތްދަތިކޮށް ކަންކޮށްފައިވާ ސްކޫލަކީ އަރަބިއްޔާ ކަމަށާއި އެ ސްކޫލުގެ ދަރިވަރުން ރެފިއުޖީންގެ ގޮތުގައި ގެންގުޅުނު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ. އެއާ އެކު، އޭނާ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި އަންނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށެވެ.
ވީ ކިހިނެއް؟ - އަރަބިއްޔާ ހިންގަމުންދިޔަ އިމާރާތް ބާވެ، ބޮލަށް ވެއްޓޭވަރުވުމުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން ވަގުތީ އިމާރާތްތަކުގައި ކިޔަވަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އަރަބިއްޔާގެ އާ އިމާރާތަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެސް ވައުދެކެވެ. އެކަމަކު ދައުރު ނިމުނުއިރު ވެސް މަސައްކަތެއް ނުފެށެއެވެ.
އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދޭ މަރުކަޒަކަށް ހެދުމާ އެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެ ތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ވެސް ވައުދުވެވަޑައިގަތެެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރިން ހަމަޖެއްސީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. ނަމަވެސް އެ ސްކޫލުގެ ބެލެނިވެރިންގެ އެދުމުގެ މަތިން ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ސްކޫލް އަޅަން އެއަށް ވުރެ ޖާގަ ތަނަވަސް، 386 ނަންބަރު ކޮށި ހަމަޖައްސައިދެއްވާފަ އެވެ.
ބުނީ ކީކޭ؟ - އެ މަސައްކަތަށް ބިން ހަވާލުކުރިތާ ގާތްގަނޑަކަށް ތިން އަހަރުވެފައިވާއިރު، އެ މަސައްކަތް އޮތް ހިސާބެއް ސާފުކޮށްދޭން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން، އޭނާ ވިދާޅުވީ އުންމީދުކުރަނީ:
-
އަންނަ ނޮވެމްބަރަށް މަސައްކަތް ނިމޭނެ
-
އަންނަ އަހަރު މި ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ
އެޔަށްފަހު ޝަފީއު ވިދާޅުވީ، އެމްޑީޕީގެ ދެ ސަރުކާރު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އަރަބިއްޔާ ސްކޫލަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ސަރުކާރުތަކުން އަރަބިއްޔާގެ ދަރިވަރުން ގެންގުޅުނީ "ރެފިއުޖީން"ގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"އެންމެ ހިތްދަތި ގޮތަކަށް ކުރީގެ ސަރުކާރުން ކަންކަން ކޮށްފައިވާ ސްކޫލަކީ އަރަބިއްޔާ ސްކޫލް. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސްކޫލު ނަގައި ކުދިން ރެފިއުޖީންތަކެއްގެ ގޮތުގައި ގެންގުޅުނީ. ދެވަނައަށް އެމްޑީޕީއަށް ވެރިކަން ލިބުނުއިރު ވެސް ތަންތަނަށް [ދަރިވަރުން] ބަހަމުން ދިޔައީ. ފުރަތަމަ ސައުދީ އެމްބަސީ ހުރި ބިމުގައި. އޭގެ ފަހުން ވެލާނާގޭ ކައިރީގައި ހުރި ދަރުމަވަންތަ ބިލްޑިންގައި. އެގޮތަށް ބަހަމުން ގޮސް ވަރަށް ނޭދެވޭ އަސަރު ދަރިވަރުންނަށް ކޮށްފައި ވަނީ،" ޝަފީއު ވިދާޅުވި އެވެ.
މިކަންކަން މިހެން ވަމުންދިއުމުން ސްކޫލުގެ ބެލެނިވެރިންގެ އެދުމުގެ މަތިން އެ ސްކޫލަށް ބިމެއް ހާއްސަކޮށް، އެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި މިއަހަރުގެ ފަހުކޮޅަށް މުޅި މަސައްކަތް ނިންމާލެވޭވަރު ކުރެވިފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކޮމެންޓް