ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، ލިބުނު ގެއްލުންތައް. (ފޮޓޯ/އެމްއެންޑީއެފް)

މާލޭގެ ގެއެއްގައި ރޯވެ، ދުމުގެ އަސަރުކޮށްގެން 28 މީހަކު ހޮސްޕިޓަލަށް

މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58އަށް ވުރެ ގިނަ މީހުންނަށް އެންޑީއެމްއޭގެ އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވޭ
1 ގަޑިއިރު ކުރިން

މާލޭ ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައި ދުމުގެ އަސަރުކޮށްގެން 28 މީހަކު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފް އާއި ފުލުހުން ބުނީ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭ 10:49 ހާއިރު ކަމަށެވެ.

ރޭ 12 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށް، ނިއްވާލާފަ އެވެ.

ތަފްސީލް - ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ."

ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، ލިބުނު ގެއްލުންތައް. (ފޮޓޯ/އެމްއެންޑީއެފް)

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ)ން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.

ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، ލިބުނު ގެއްލުންތައް. (ފޮޓޯ/އެމްއެންޑީއެފް)

އަލިފާން ރޯވި ތިން އެޕާޓްމަންޓަށާއި ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭގެ ފަރާތުން އިންސާނީ އެހީތެރިކަމާއި ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

"މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވޭ،" އެންޑީއެމްއޭން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް