ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި : މިިިނިސްޓްރީގެ ޕީއާރު މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
2 އަހަރަށް ހެރިޓޭޖް މިނިސްޓްރީ އިޝްތިހާރުކޮށް ޕީއާރު ހިންގާނެ ބަޔަކު ހޯދަނީ
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހެރިޓޭޖް އެންޑް އާޓްސް މިނިސްޓްރީ އިޝްތިހާރުކޮށް، އެ ތަނުގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ވީކިހިނެއް؟ - ހެރިޓޭޖް މިނިސްޓްރީ އާއި އެ މިިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ ޕީއާރާއި މީޑިއާ މަސައްކަތްކުރުމަށް ބަޔަކު ހޯދަން، އެ ކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންދާސީ ހިސާބުތައް ހުށަހަޅަން ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30އާ ހަމައަށެވެ.
ތަފްސީލް - ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުގައިވާ ހަތް އިދާރާއެއްގެ އިތުރުން މިނިސްޓްރީގެ މަަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ ޕީއާރު ވެސް ހިންގައިދޭން ޖެހެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ނެޝަނަލް ސެންޓާ ފޮ ދަ އާޓްސް (އެންސީއޭ)
-
ނެޝަނަލް ސެންޓާ ފޮ ދަ ކަލްޗުރަލް ހެރިޓޭޖް (އެންސީސީއެޗު)
-
ދިވެހި ބަހުގެ އެކަޑަމީ
-
ނެޝަނަލް ބިއުރޯ އޮފް ކްލާޝިފިކޭޝަން (އެންބީއެޗު)
-
ނެޝަނަލް އާކައިވްސް (ގައުމީ އަރުޝީފު)
-
ނެޝަނަލް ލައިބްރަރީ (ގައުމީ ކުތުބުހާނާ)
ޕީއާރު މަސައްކަތްތަކާ ހަވާލުވާ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވަނީ:
-
މިނިސްޓްރީގެ ހަރަކާތްތަކާއި ސިޔާސަތުތަކާއި ކާމިޔާބީތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން
-
ހުރިހާ އިދާރާތަކުގެ ބްރޭންޑިން އެއްގޮތްކޮށްގެން ގެންދާނެ ގޮތުގެ މާކެޓިން އަދި ޕީއާރު ސްޓްރެޓެޖީއެއް އެކުލަވާލުން
-
ކޮމިއުކޭޝަން ހިންގާނެ ގޮތުގެ ލަފާ މިނިސްޓްރީގެ ލީޑާޝިޕަށް ދިނުމާއި އޭގެ ޕްލޭންތައް ހިންގައިދިނުން
-
މީޑިއާތަކާއި ނޫސްތަކާ އެކު ގުޅުން ބަދަހިކުރުމާއި މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ހިމެނޭ ގޮތަށް ޕީއާރު އިވެންޓްތައް އިންތިޒާމުކޮށް ހިންގުން
-
މިިނިސްޓްރީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑަލްތަކަށް ކޮންޓެންޓް އުފެއްދުމާއި ގިނަ މީހުންނަށް ކޮންޓެންޓް ވާސިލްކުރުމަށް މަސައްކަތްކޮށްދިނުން
ކޮމެންޓް