ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ތެރެއިން ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު: މަގާމުތަކަށް 2،500 އަށްވުރެ ގިނަ މީހުން
ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި އެކިއެކި މަގާމުތަކަށް 2،500އަށް ވުރެ ގިނަ މީހުން އިންތިހާބުކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ކޮންގްރެސްގެ ކުރިން ބާއްވާ އެ ޕާޓީގެ އެތެރޭގެ މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަަމަވީ މިދިޔަ މަހުގެ 30ގަ އެވެ. ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އިންތިހާބަށް ފަހު އަންނަ ސެޕްޓެމްބަރުގަ އެވެ.
ދާއިރާތަކުގެ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ.
ބުނީ ކީކޭ؟ - މި އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން، ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ވިދާޅުވީ، މި އިންތިހާބަށް ފަހު އެ ޕާޓީ ތަމްސީލުކުރަން ރަށްރަށުގެ އެކިއެކި ދާއިރާތަކުގައި 2،500އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ އަދަދެއް ވިދާޅެއްނުވެ އެވެ. އެކަމަކު، އިންތިހާބުކުރާ އަދަދަށް ވުރެ އިތުރަށް 131 މީހަކު ކުރިމަތިލާގައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ އެޕްލިކޭޝަންތައް ފައިނަލްކޮށް މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އުފަލާއެކު އިއުލާންކޮށް، މުޅި ރާއްޖޭގައި މި އިންތިހާބުގެ ކަންކަން ނިމިގެންދާއިރު އިންތިހާބީ އެކިއެކި މަގާމުތަކުގައި 2،500 އަށްވުރެ ގިނަ ބޭފުޅުން އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މި ހުރިހާ ފަރާތްތަކަކީ ވެސް އިންތިހާބު ވެގެން އިންތިހާބުގެ މަގާމަކަށް އަންނަ ފަރާތްތައް އެހެންވީމާ ހުރިހާ ފަރާތްތަކަކީ ވެސް އެރަށެއްގެ ދާއިރާގައި ޕާޓީ ކުރިއެރުވުމަށް، ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވަމުންދާނެ ފަރާތްތައް." ފިރުޒުލް ވިދާޅުވި އެވެ.
ކޮމެންޓް