1980ގެ މެދުތެރޭގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ފުވައްމުލަކު މަސްވެރިން ބާނާފައިވާ ކަށިމިޔަރުތަކެއް: (ފޮޓޯ/ އަލީ ރަފީގް)

މަސްވެރިކަން

2 ފަހަރަށް ބޭރުކޮށްލި ކަށިމިޔަރު މަސްވެރިކަން ހުއްޓުވުމުގެ މައްސަަލަ ބަލައިގަންނަން އަންގައިފި

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ ގާނޫނުއަސާސީ އަދި އެހެނިހެން ގާނޫނުތަކަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ
1 ގަޑިއިރު ކުރިން

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީން އެވެ.

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ ގާނޫނުއަސާސީ އަދި އެހެނިހެން ގާނޫނުތަކަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ މި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ޑިސެމްބަރުގަ އެވެ.

ތަފްސީލް - ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ މި ދުސްތޫރީ މައްސަލަ 2 ފަހަރެއްގެ މަތިން ހުށަހެޅުމުން ވެސް، ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިގެންފައެއްނުވެ އެވެ. ރަޖިސްޓްރާ މައްސަލަ ބަލައިނުގަތީ، ދުސްތޫރީިި މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވުމުން ކަމަށް ބުނެ އެވެ. 

އެ ނިންމުން މުރާޖައާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުުމުން މިދިޔަ ބުރާސްފަތި ދުވަހު ތިން ފަނޑިޔާރުންގެ މަޖިލީހަކުން މުރާޖައާކޮށް އިއްތިފާގުން ނިންމާފައިވަނީ، ކަށިމިޔަރުގެ ގަވާއިދު، ގާނޫނުއަސާސީގެ 22 ވަނަ މާއްދާއާ ހިލާފުވާ ސަބަބު ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާތީ އެ މައްސަލަ ބަލައިގަންނަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ކަނޑައެޅި އެވެ.

އެހެންކަމުން، އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ އަލުން ހުށަހަޅާނެ ކަމަށް އެ މައްސަލައިގެ ގާނޫނީ ޓީމުން ބުންޏެވެ.

އެނގުން މުހިންމު - ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މިކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ. ސަބަބަކަށް ފާހަގަކުރީ:

  • ކަށިމިޔަރުގެ ސްޓޮކް އެސެސްމަންޓެއް ނެތުން

  • ދިރުންތަކުގެ ނާޒުކުކަމާއި އާބާދީ އަވަހަށް ދިޔުމުގެ ތާރީހީ ރެކޯޑު އޮތުން

  • މޫސުމަށް އަންނަ ބދދަލުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް