ކުރީގެ ރައީސް ޔާމީން (ދައުރު ފޮޓޯ/އަޒްމީ)
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް، މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މި އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިގަންނަން ހުކުމްކޮށްފިއޭ ހެކިތައް އެއްފަރާތްކޮށްގެން ޝަރީއަތް ފަށަން ހައި ކޯޓުން ނިންމި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެންވެ ސުޕްރީމް ކޯޓުން އާ ހެކިތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް ވެސް އޮތީ، ސުޕްރީމް ކޯޓުން ކުރި އަމުރަކުން މަޑުޖައްސާލައިފަ އެވެ.
ތަފްސީލް - މި މައްސަލާގައި ހުކުމްކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ބަލާފައި، އާ ހެކިތައް އަލުން ހުށަހަޅާ ގޮތަށް އިޖުރާއަތް ރަނގަޅުކުރެވޭނެ ކަމަށް ފާހަގަކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެ ގޮތުން:
-
ހައި ކޯޓުގައި އެ ނުކުތާ ހުށަހެޅުމުގެ ހައިސިއްޔަތެއް ނުވަތަ ފުރުސަތެއް ނުލިބޭ ކަމަށް ކަމަށް ދައުލަތުން ބުނާ ވާހަކާގައި އެއްވެސް ބުރަދަނެއް ނެތް
-
އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ހިންގި އިޖުރާއަތުގައި އައިބެއް އުޅޭނަމަ އެ ކަމެއް ހައި ކޯޓުގައި ފާހަގަކޮށްދިނުމަކީ ދައުލަތަށް ކުރެވެން އޮތް ކަމެއް؛ އަދި އެކަން ފާހަގަކުރުމާއި ހޯދުމަކީ ކޯޓުގެ މައްޗަށް އޮތް ޒިންމާއެއް ނޫން
-
ދަށު ކޯޓުގައި ހުށަނާޅާ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓުތަކުގައި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރުގައި ވެސް އެ ފަދަ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓަކުން ބެލޭނީ ދަށު މަރުހަލާގެ ކޯޓުގައި އެ ނުކުތާއެއް ހުށަހެޅުމުގެ އެއްވެސް ފުރުސަތެއް ނެތް ނަމަ
"އެ ހެކިތަކަކީ އިޖުރާއަތާ ހިލާފަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް ހައި ކޯޓުން ނިންމާ ހާލަތެއްގައި ވެސް އެއީ އިޖުރާއީ އައިބުތަކަކީ އަލީ ޒުބައިރު މައްސަލާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ އަލީގައި (ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް) ފިލުވިދާނެ އައިބުތަކެއް ކަމަށް ބުނެ ދައުލަތުން ހައި ކޯޓުގައި އެއްވެސް ވަރަކަށް ވަކާލާތުކޮށްފައެއް ނެތް،" ޝުޖޫން ވިދާޅުވި އެވެ.
ފަނޑިޔާރު ޝުޖޫންގެ ރައުޔަށް، މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި ޑރ. މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި އެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވީ ހައި ކޯޓުގެ ހުކުމުގައި ބަދަލުކުރަން ޖެހޭ އެއްވެސް ތަނެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - އެއްފަރާތްކުރި ހެކިތަކުގެ ތެރޭގައި ހިމެެނެނީ:
-
ޔާމީންގެ ހެކިންގެ ތެރޭގައި ހިމެނޭ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ކުރިން ވަޒީފާ އަދާކުރެއްވި އެމްއެންޑީއެފްގެ ހާޒިރީ
-
އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ
ޑޮލަރު މާރުކޮށްގެން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ލިބެން ޖެހޭ ކަމަށް ބުނާ ދިވެހި ރުފިޔާގެ ނަގުދު ފައިސާ ޔޫސުފް ނައީމަށް ރައްދުކޮށްދޭން ދިޔަ ކަމަށް ހެކިބަސް ދިނީ ނަރީޝް އެވެ. ނަރީޝްގެ އެ ވާހަކައަކީ ދޮގެއް ކަމަށް ދަށު ކޯޓުގެ ހުކުމުގައިވެ އެވެ.
ކޮމެންޓް