ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ވައިޑް ބޮޑީ އޮޕަރޭޝަނަކީ ބޮޑު އިންވެސްޓްމަންޓެއް؛ ބަޖެޓު ސަޕޯޓު ދިނުމަކީ މައްސަލައެއް ނޫން: އަމީން

އަމީން ވިދާޅުވި ގޮތުގައި، ކެޕިޓަލް އިންވެސްޓްމަންޓައް ގެނައުމަށްޓަކައި ބަޖެޓުން ސަޕޯޓު ދިނުމުގެ މާނައަކީ ކުންފުނީގެ މާލިއްޔަތަށް ޖުމްލަކޮށް ގެއްލުންވަމުން ދިއުމެއް ނޫން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަން ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މޯލްޑިވިއަނުން ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް އޭގެ ހިދުމަތް ރަސްމީކޮށް ފެށީ 6 ޖެނުއަރީ 2025ގަ އެވެ.

ވީ ކިހިނެއް؟ - އަމީން މިއަދު މަޖިލީހަށް ހާޒިރުކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މެމްބަރު ސުވާލުކުރެއްވީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންސްއާ ގުޅުވައިގެންނެވެ.

މެމްބަރު މުހައްމަދު އިބްރާހިމްގެ އެއް ސުވާލަކީ އައިލެންޑް އޭވިއޭޝަން ކުރިން 'ސެލްފް ސަސްޓެއިނިން' ކުންފުންޏެއްގެ ގޮތުގައި އޮވެފައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުން ފެށިގެން ބަޖެޓް ސަޕޯޓު ކުންފުންޏަކަށް ވީ ވައިޑް ބޮޑީ އޮޕަރޭޝަންސްގެ ސަބަބުންތޯ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް. (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - އައިލެންޑް އޭވިއޭޝަނަކީ އަމިއްލައަށް ޒިންމާވާން ޖެހޭ ކުންފުންޏަކަށް ވާތީ، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން އަމީން އިންކާރު ކުރެއްވި އެވެ. އެހެން ނަމަވެސް އިތުރު ކަމެއްގެ ގޮތުގައި އަމީން ވިދާޅުވީ ސީދާ ވައިޑް ބޮޑީ އޮޕަރޭޝަނާ ގުޅުވައިގެން ބަޖެޓުން ސަޕޯޓު ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަޖެޓު ސަޕޯޓު ބޭނުންވާނެ. އެއީ ހަމައެކަނި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން، އެހެން ގައުމުތަކުގައި ވެސް [ފެންނާނެ މީޑިއާއިން، އިންޑިއާގެ ބޮޑެތި އެއާލައިންތަކަށް ވެސް ވަރަށް ބޮޑެތި ސަޕޯޓު ދޭ]،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިފަދަ ކެޕިޓަލް އިންވެސްޓްމަންޓައް ގެނައުމަށްޓަކައި ބަޖެޓުން ސަޕޯޓު ދިނުމުގެ މާނައަކީ ކުންފުނީގެ މާލިއްޔަތަށް ޖުމްލަކޮށް ގެއްލުންވަމުން ދިއުމެއް ނޫން ކަމަށެވެ. އަދި ބަލަންޖެހޭ އެންމެ މުހިންމު ކަމަކީ، އަމީން ވިދާޅުވި ގޮތުގައި އިކޮނޮމިކް ކޮންޓްރިބިއުޝަން އެވެ.

"ގައުމީ އެއާލައިންގެ ސަބަބުން އަންނަ ޓޫރިޒަމްއާއި ރައްޔިތުންގެ ދަތުރުފަތުރުތަކަށް ލިބޭ ލުއިފަސޭހައިގެ ތެރެއިން މި އަންނަ އިކޮނޮމިކް ކޮންޓްރިބިއުޝަންއަކީ އެންމެ މުހިންމު، ގައުމެއްގެ ހައިސިއްޔަތުން ބަލަން ޖެހޭނެ އެންމެ މުހިންމު ކަންތައްތަކަކީ،" އަމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ތަފްސީލު - މެމްބަރުގެ ސުވާލުގެ ފުރަތަމަ ބައިތަކަށް ޖަވާބު ދެއްވަމުން އަމީން ވަނީ ވައިޑް ބޮޑީ އޮޕަރޭޝަންސްގެ ކުރިއެރުންތައް ތަފާސްހިސާބުތަކުން ހިއްސާކުރައްވާފަ އެވެ.

އެގޮތުން އަމީން ވިދާޅުވީ އެ އޮޕަރޭޝަންސް ފަށައިގެން މިވީ 16 މަސްދުވަހުގެ ތެރޭގައި ޖުމްލަ 67،000 މީހުން އެ މަތިންދާބޯޓުތަކުން ދަތުރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 55،000 ފަތުރުވެރިންނާއި ހައްޖާއި އުމްރާ ދަތުރުތަކަށް ކުރި ޗާޓަރު ދަތުރުގައި ދިޔަ ދިވެހިންނެވެ.

ވައިޑްބޮޑީ އެއާކްރާފްޓުތަކުން ދަތުރުކުރާ މަންޒިލްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން އަމީން ވިދާޅުވީ:

  • ޝެޑިއުލް ދަތުރުތަކުގެ ގޮޮތުގައި ޗައިނާގެ ތިން މަންޒިލަކަށް

  • އޮސްޓްރޭލިއާ

  • ޕީސް ސީޒަންތަކާ ދިމާކޮށް އުމްރާ އަދި ހައްޖު ދަތުރުތަކަށް، ސައުދީގެ ޖިއްދާއަށް

  • ސްކޫލް ބަންދު ދުވަސްވަރު ޑިމާންޑާ އެއްގޮތަށް، އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް

  • ނެރޯ ބޮޑީ އެއާކްރާފްޓްތަކުގެ ކެޕޭސިޓީއިން ބޭރުން ދަތުރުކުރަން ޖެހޭ ހާލަތްތަކުގައި ބަންގްލަދޭޝްއަށް

ކޮމެންޓް (2)

profile-image-placeholder

އެމް.ޕީ

30 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ދަނީ ދައުލަތުގެ ވިޔަފާރި ތަންތަން އިތުރަށް ހަރުދަނާކޮށް، އިސްރާފުތައް ކުޑަކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ސިޔާސަތުގެ ދަށުން، ޤައުމީ އެއާލައިންގެ ޚިދުމަތްތައް ފުޅާކުރުމާއި، ކުންފުނީގެ ހިންގުން މިޒަމާނުގެ ވިޔަފާރި އުޞޫލުތަކުގެ މައްޗަށް ބައްޓަންކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މޯލްޑިވިއަންގެ ހިންގުމުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައި، ވަކި ބައެއްގެ ނުފޫޒުން އެ ކުންފުނި މިނިވަންކޮށް، ފައިދާހުރި ވިޔަފާރި މޮޑެލްއަކަށް އެ ކުންފުނީގެ ހިންގުން ބަދަލުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ވައިޑް ބޮޑީ

30 ޖޫން 2026
އައިލެންޑް އޭވިއޭޝަނުން ހިންގަމުން އަންނަ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް ބޮޑު އާމްދަނީއެއް ލިބެމުންދާ ކަމަށާއި، ނަމަވެސް ކުންފުނި ހިންގުމުގައި ބޭކާރު ހަރަދުތަކާއި އިސްރާފު ބޮޑީ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި އަހަރަކު ގާތްގަނޑަކަށް 500،000 (ފަސްލައްކަ) މީހުން ދަތުރުކުރެއެވެ. މިއިން ކޮންމެ މީހެއްގެ އަތުން އެވްރެޖްކޮށް 1،000 ރުފިޔާގެ މަގުން ބެލި ނަމަވެސް، ހަމައެކަނި އެތެރޭގެ އުދުހުންތަކުން އަހަރަކު 500،000,000 (ފަސްސަތޭކަ މިލިއަން) ރުފިޔާގެ އާމްދަނީއެއް ލިބޭނެ. އަދި ކޮބައިތޯ ފަތުރުވެރިންގެ އަތުން އެ ނަގަމުންދާ ބޮޑު އަދަދު؟ އަދި ކޮބައިތޯ ބައިނަލްއަގުވާމީ ސެކްޓަރުން (އިންޓަނޭޝަނަލް ސެކްޓަރ) ލިބޭ އާމްދަނީ؟ މޯލްޑިވިއަނަށް ފައިދާ ނުވާކަމަށް އެބުނަނީ މިނިސްޓަރު. ކުންފުންޏަށް ލާރި ލިބޭނެ ކަމަށާއި، އަދި ވަރަށް ގިނައިން ވެސް ލިބޭނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް