ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޗެއާޕާސަން އިންތިހާބުގައި މީކާއިލަށް ވޯޓު ހޯދައިދޭން ޖެހުނީ އަޅުގަނޑުމެން: ފަލާހު

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ ފަހު ވަގުތު ވޯޓު ހޯދައިދިނުމަށް ޕީއެންސީގެ މެމްބަރުންގެ ގާތުގައި މީކާއިލް އެދިވަޑައިގަތީ އެމްޑީޕީގެ 11 މަޖިލިސް މެމްބަރަކު ލަނޑުދިނުމުން ކަމަށް
1 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް ފަހު ވަގުތު ވޯޓު ހޯދައިދޭން ޖެހުނީ ޕީއެންސީގެ މެމްބަރުންނަށް ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލާހު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ބަހުސްކުރި ސިނގިރޭޓު ޑިއުޓީ 4ރ.އަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގަ އެވެ. މި ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ބުނީ ކީކޭ؟ - ފަލާހު ވިދާޅުވީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 11 މެމްބަރަކު މީކާއިލަށް ވޯޓު ހޯދައިދޭނެކަމަށް ވައުދުވުމަށް ފަހު ލަނޑުދެއްވީ ކަމަށެވެ. އެހެންވެ ވޯޓު ހޯދައިދޭން ފަހު ވަގުތު ޕީއެންސީގެ މެމްބަރުންގެ ގާތުގައި މީކާއިލް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ނުލަފާ ބައެއް. މީކާއިލް ނަސީމް މި [މަޖިލީހުގެ އެމްޑީޕީ] 11 މެމްބަރުން ނެރެގެން އެ ފަކީރަށް ހަދާލި ގޮތް ބަލައި. ސަލާމަތްވާން ނެތޭ އެފަކީރު. ބަލަ މިއިން އެކަކަށް ރައްޔިތުންގެ ތާއީދެއް ނެތޭ. މި މީހުން މީކާއިލް ހޮވަން ނުކުތީ ދާއިރާއިން ތިމަންނަމެން ވޯޓު ނަގާނަމޭ ކިޔާފައި. އެ ފަކީރަށް އަނިޔާދިނީ. ލަނޑުދިނީ،" ފަލާހު ވިދާޅުވި އެވެ.

"އެންމެ ދާއިރާއެއް ކާމިޔާބު ނުކުރެވުނޭ. ހެޔޮ ނުވާނެ ނޫންތޯ މިކަހަލަ ކަންތައްކުރަން. އެންމެ ފަހުން އަޅުގަނޑުމެން ކައިރީގައި އެދުނީ ވޯޓު ހޯދައިދޭން. އަޅުގަނޑުމެންނަށް ވީވަރެއް ކޮށްދިނިން، ރައީސް،"

މި ވާހަކަތައް މެދުކަނޑާލަން ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއިލް ވިދާޅުވީ މަޖިލީހުގައި ދެކެވެމުންދަނީ "ރައީސް މުހައްމަދު މުއިއްޒު އުނބަށް ޖެހި" ވާހަކަ ކަމަށެެވެ. އެކަމަކު އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވިދާޅުވެ ވާހަކަދައްކަވަން ފުރުސަތުދީފައެއްނުވެ އެވެ. 

އެއަށް ފަހު ފަލާހު ވިދާޅުވީ ދެން އެވާހަކަތައް ދެއްކެވުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށާއި މިހާރު އެމްޑީޕީން ދައްކަނީ ބޮޑު ބަދަލެއްގެ ވާހަކަ ކަމަށެވެ. އެ ބޮޑު ބަދަލެއް ވެސް ނުގެނެވޭނެ ކަމަށާއި އަނބުރާ ވެރިކަަމަކަށް ވެސް އެމްޑީޕީއަށް ނާދެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް 13 މެމްބަރުންނަށް ބޮޑު ބަދަލުގެ އޮފީހަށް ވެސް ނުވަދެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ ބޮޑު ބަދަލު އޮފީހުން މި 13 މެމްބަރުންނެއް. އެހެންވީމާ  އަޅުގަނޑުމެން މި ގަސްތުކުރަނީ މި މަޖިލީހުގައި ބޮޑު ބަދަލު އޮފީސް ގާއިމުކޮށްފައި އެތަނުގެ ވެރިއަކަށް ހަނިމާދޫ ދާއިރާގެ މެމްބަރު [އަބްދުލްގަފޫރު މޫސާ] އައްޔަން ކުރަން. މިކަން ކުރާނަން،" ސަމާސާ މިޒާޖެއްގައި ފަލާހު ވިދާޅުވި އެވެ.

މި ވާހަކަތައް ދައްކަމުން ދިޔައިރު އެމްޑީޕީގެ މެމްބަރުން އަޑުގަދަކުރަމުން ދިޔަ އެވެ.

މި ވާހަކަތައް ފަލާހު ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ފަލާހު ވިދާޅުވީ:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ އާއި އާރްޑީސީ ފަދަ ތަންތަނުގައި ހިންގި ކޮރަޕްޝަންތަކުގެ ވާހަކަތައް މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައިގެން ނަޝީދު ކުށްވެރިކުރެއްވި

  • އޭރުގެ ދައުލަތުގެ ބަޖެޓަކީ ވެސް ދަރަނީގެ ރަސީދެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަށް ފަހު، މިއަދު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮތުގައި ހުންނެވިއިރު ކެމްޕޭންގައި ގާތްކޮށްގެން އުޅުއްވީ އެތަންތަން ހިންގި މީހުން؛ އެހެންވެ އެމީހުން އެއްވެސް ކުށެއް ނުކުރާ ބަޔަކަށް މިހާރު ވަނީ ވެފައި

  • އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިހާރު ހުންނެވީ ނަޝީދުގެ އަރިހުގައި

"އެދުވަހު މީކާއިލް ނަސީމުމެން ދެއްކެވި ވާހަކަ ހަގީގަތުގައި މިއަދު މީކާއިލް ނަސީމް ހަދުމަފުޅު ބަހައްޓަންވާނެ. އެދުވަހު ވެރިކަމުގައި ހުރީ ރައީސް ޑރ. މުހައްމަދު މުއިއްޒެއް ނޫން. އެދުވަހު ވެރިކަމުގައި ހުންނެވީ މުހައްމަދު ސޯލިހު. މިއަދު މުހައްމަދު ސޯލިހު ވަރުގެ ނުލަފާ ބޭފުޅެއް މި މީހުންނަކަށް ނެތް. އެދުވަހު އެއަށް ވުރެ ރަނގަޅު ބޭފުޅަކު ނެތް،" ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް