ސަލްޓަން ޕާކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާލޭ ޕާކުތައް ރޭގަނޑު 12 ޖަހަންދެން ހުޅުވަން ނިންމައިފި

މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނިންމީ، މިހާރު ވަކިގަޑިތަކެއްގައި ހުޅުވާ ލައްޕާ މާލޭގެ ހުރިހާ ޕާކެއް ހެނދުނު 5:30 އިން ރޭގަނޑު 12 ޖަހަންދެން ހުޅުވާފަ ބަހައްޓަން
1 ގަޑިއިރު ކުރިން

މާލޭގައި ހުޅުވާ ލައްޕާ ހުރިހާ ޕާކުތައް ރޭގަނޑު 12 ޖަހަންދަން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި، ޕާކުތައް ބަންދުނުކުރަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާން އެވެ. އޭނާ ވިދާޅުވީ، އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލަން ދާން މިހާރު މާލޭގައި ހުރި ހަމައެކަނި ތަންތަން ކަމަށެވެ. އެތަންތަން ވަކި ގަޑިތަކެއްގައި ބަންދުކޮށް، ހުޅުވާ ހަދާތީ އެ ޝަކުވާ ލިބެމުންދާ ކަމަށާއި ޕާކުތަކަކީ ބަންދުކުރަންޖެހޭ ތަންތަން ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "ދެން ކޮންމެވެސް ވަރަކަަށް އަޅުގަނޑަށް އެނގޭ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އަންނާނެ ސެކިއުރިޓީއާ މިކަންކަމުގެ. އަޅުގަނޑުމެން މިހާރު ބަންދުކޮށްގެން މިތިބަ ލޮނުޒިޔާރާތް ޕާކު ވެސް [މިދެކެނީ] ވާ ވަރަށް ސެކިއުރިޓީ ހުރި ކަމަށް. ދެން ހުޅުވަންޏާ އިތުރަށް ކެމެރާ ހަރުކޮށް، އަދި ފުލުހުންނާ އެކު ތަންކޮޅެއް ރަނގަޅަށް އެތަން މޮނިޓާކޮށްދޭން ބުނެލާފައި ބަންދުކުރާ ގަޑި އުވާލަން މި ހުށަހަޅަނީ،" ފުރުޝާން ވިދާޅުވި އެވެ.

މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ހުށަހެޅުއްވީ، 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި ބަންދުކުރާގަޑި ދަންވަރު 12އަށް ލަސްކޮށްލުމަށެވެ. އެގޮތުން، 24 ގަޑިއިރު ހުޅުވާފައި ބަހައްޓާ ނަމަ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެތި ޕާކުތައް އެބަހުރިކަން ކައުންސިލަރުން ފާހަގަކުރި އެވެ.

މިއަދުގެ ކައުންސިލު ބައްދަލުވުމުގައި ފާސްކުރީ މިހާރު ވަކި ގަޑިތަކެއްގައި ހުޅުވާ ލައްޕާ މާލޭގެ ހުރިހާ ޕާކެއް ފަތިހު 5:30 އިން ދަންވަރު 12 ޖަހަންދެން ހުޅުވާފަ ބަހައްޓާށެވެ. މިގޮތަށް ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެނގުން މުހިންމު - މާލޭގައި މިގޮތަށް ހުޅުވާ ލައްޕާ ޕާކުތަކުގެ ތެރޭގައި ސަލްޓަން ޕާކާއި ލޮނުޒިޔާރާތް ޕާކު ހިމެނެ އެވެ. ސަލްޓަން ޕާކު އިރުއޮއްސި 6އަށް ބަންދުކުރެ އެވެ. އޭގެ ފަހުން ރޭގަނޑަށް ހުޅުވާފައި ހުންނަނީ 10 ޖެހުމާ ހަމައަށެވެ. ލޮނުޒިޔާރާތް ޕާކު ހުޅުވާފައި ހުންނަނީ ހަމަ މިގޮތަށް، ހެނދުނު 6 އިން ރޭގަނޑު 10އާ ހަމައަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް