ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށްލާން ހުކުމްކުރި އަލީ އިބްެރާހިމް (ފޮޓޯ/ ޕޮލިސް)

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި މީހަކު 25 އަހަރަށް ޖަލަށް

މި ކުށް ސާބިތުވެފައިވަނީ، އަލީ އިބްރާހިމް، 37، ސުނީތާހައުސް/ށ. މިލަންދޫގެ މައްޗަށް؛ މިފަދަ އިތުރު ތިން ދައުވާއެއް އޭނާގެ މައްޗަށް މިލަންދޫ ކޯޓުގައި ދަނީ ހިނގަމުން
1 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ކުށް ސާބިތުވެފައިވަނީ، އަލީ އިބްރާހިމް، 37، ސުނީތާހައުސް/ށ. މިލަންދޫގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ދައުވާކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި އަތުގައި ބަހައްޓައި އެ ތަކެތިން ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް 12 ޖެނުއަރީ 2023 ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ސުނީތާހައުސްގެ ބަލައި ފާސްކުރިއިރު އޭނާގެ ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.

އެގޮތުން ފެނުނީ:

  • ކޮޓަރީގައި ހުރި މޭޒެއްގެ ތެރޭގައި ހުރި މޮނީޓަރު ފޮތްތަކެއްގެ މަތީގައި އޮތް 5 ކަރުދާސްކޮޅުގައި، 0.1129 ގްރާމް ޑައިމޯފިން

  • އެ ކޮޓަރީގައި ހުރި އަލަމާރި ތެރޭގައި އަޅުވާފައި ހުރި ގަމީހެއްގެ ކުރިމަތީ ޖީބުން ފެނުނު ރަބަރު ޕެކެޓުގައި 9.7570 ގްރާމް ޑައިމޯފިން ހުރި

  • ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން، އޭނާއަކީ މަސްތުވުމަށް "ހަކުރު" ބޭނުންކުރާ މީހެއް ކަމަށް ބުނެ ޑައިމޯފިން ބޭނުންކުރާ ކަމަށް އިއުތިރާފުވެފައިވޭ

ތަފްސީލް - އެހެންވެ، 13 މާޗު 2023ގައި އިބްރާހިމް އަލީގެ މައްޗަށް މި މައްސަލާގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކުރި އެވެ. މިދިޔަ އާދިއްތަ ދުވަހު މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނީ، އެ ދައުވާގެ މައުނަވީ އަދި މާއްދީ ރުކުން ވެސް އެއްވެސް ޝައްކެތް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އަދަބަކަށް އިއްވީ:

  • 25 އަހަރުގެ ޖަލު ހުކުމެއް؛ ބަންދުގެ މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި 1 ދުވަހުގެ ޖަލު ހުކުމެއް

  • 100،000ރ.ގެ ޖޫރިމަނާއެއް؛ މި ފައިސާ ކުރިއަށް އޮތް 12 މަސްދުވަސް ތެރޭ ދެއްކުމަށް އެންގި

ކޯޓު މަރުހަލާގައި އެ ދައުވާއަށް އިންކާރުކޮށް އަލީ އިބްރާހިމް ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ ދެ ފަހަރެއްގެ މަތިން އޭނާ ގޭގައި ނޫޅެނީސް ފަޅާލައިގެން ބަޔަކު ވަދެފައިވާ ތަނެއް ކަމަށާއި އެ ކޮޓަރިއަކީ އޭނާ ނެތް ވަގުތުތަކުގައި ބައިވަރު މީހުން ވަދެ ނިކުމެ ހަދާ ތަނެއް ކަމަށެވެ. އެހެންވެ، އެ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.

އަލީ އިބްރާހިމް ދައުވާއަށް އިންކާރުކުރުމުން، އޭނާގެ ވާހަކަތަކަކީ ދޮގެއްކަން ސާބިތުކޮށްދޭން އަދި އެ މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުންހުރި ތަކެތިކަން ސާބިތުކޮށްދޭން ދައުލަތުން ވަނީ 12 ޝަފަހީ ހެކި އަދި 16 ކިތާބީ ހެކި ހުށަހަޅާފަ އެވެ. އޭގެތެރޭގައި:

  • ކޮޓަރިތެރެއިން ފެނުނު ފައިސާގެ މުއާމަލާތްކޮށްފައި ހުރި ކަމަށް ބެލެވޭ އެކި ފަރާތްތަކުގެ ނަންތައް ޖަހައި އަދަދުތަކެއް ލިޔެފައި ހުރި ކްރެޑިޓް ލިސްޓެއް؛ އެއާ ގުޅިގެން ފުލުހުން ސުވާލުކުރުމުން އެއީ ފައިސާ ދޭންޖެހޭ މީހުން ކަމަށް ބުނެފައިވާކަމުގެ ހެކި ހުށަހެޅި

  • ށ. މިލަންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި؛ ފުލުހުން ސުވާލުކުރުމުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް އެއްބަސްވިކަމުގެ ހެކި

  • އަލީ އިބްރާހިމްގެ ނަމުގައިވާ ބީއެމްއެލް އެކައުންޓުން، 1 ޑިސެމްބަރު 2022 އިން ފެށިގެން 17 ޖެނުއަރީ 2023ގެ ނިޔަލަށް އެކި ދުވަސް މަތިން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ހިންގާފައިވާކަމުގެ ހެކި؛ ބޮޑެތި އަދަދުތަކުން ތަކުރާރުކޮށް އެއް ބައެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ

ފާހަގަކޮށްލެވޭ - މި މައްސަލައިގެ އިތުރުން ވެސް އޭނާގެ މައްޗަށް އެ ކޯޓުގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ އިތުރު ތިން މައްސަލައެއް މިހާރު ވެސް އެބައޮތެވެ. އެ މައްސަލަތައް މަޑުޖެހިފައި އޮތީ، މި މައްސަލާގައި ގޮތެއް ކަނޑައެޅުމަށް ފަހު އެ މައްސަލަތަކާ މެދު ގޮތް ނިންމުމަށް އަލީ އިބްރާހިމްގެ ފަރާތުން އެދިފައިވާތީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް