ވިލާ ކޮލެޖާއި ޔުނިސެފް ގުޅިގެން ބޭއްވި 'ޕޭރެންޓިން ސިމްޕޯޒިއަމް 2026'ގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު)
ވިލާ ކޮލެޖާއި ޔުނިސެފުން ކުދިންގެ ހެދިބޮޑުވުމާ ގުޅޭ ސިމްޕޯޒިއަމް ބާއްވައިފި
ވިލާ ކޮލެޖުގެ މާސްޓާސް އޮފް ކްލިނިކަލް ސައިކޮލޮޖީ އަދި މާސްޓާސް އޮފް ކައުންސެލިން ޕްރޮގްރާމްގެ ދަރިވަރުންނާއި ޔުނިސެފް ގުޅިގެން، ކުޑަކުދިންގެ ތަރުބިއްޔަތާއި ހެދިބޮޑުވުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ 'ޕޭރެންޓިން ސިމްޕޯޒިއަމް 2026' ކާމިޔާބުކަމާ އެކު ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - 'އާލީ އިޔާސް މެޓާ: ސަޕޯޓިން ޕޭރެންޓްސް ތްރޫ އިންޓަގްރޭޓެޑް ސިސްޓަމްސް'ގެ ޝިއާރުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ސިމްޕޯޒިއަމްގެ މައިގަނޑު މަގްސަދަކީ ވަކިވަކިން މަސައްކަތްކުރާ މުއައްސަސާތަކުގެ ބަދަލުގައި، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް ގުޅިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދުމެވެ.
ތަފްސީލް - މި ސިމްޕޯޒިއަމްގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ފަންނީ ޕެނަލް ޑިސްކަޝަން މޮޑެރޭޓްކޮށްދެއްވީ ވިލާ ކޮލެޖުގެ ދަރިވަރު އާއިޝަތު ޝައިބާ ކިނާނަތެވެ. މި ޕެނަލްގައި ވިލާ ކޮލެޖުގެ ދަރިވަރު އަޒްރާ މޫސާގެ އިތުރުން، އަމީނިއްޔާ ސްކޫލް، އެޑިޔުކޭޝަން މިނިސްޓްރީ، ހުޅުމާލޭ ހޮސްޕިޓަލް އަދި ޔުނިސެފްގެ އިސް ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޕެނަލިސްޓުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޅަފަތުގައި ހެދިބޮޑުވުމަށް ބޭނުންވާ ހިދުމަތްތައް ގުޅިފައިވާ އެއް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް، އުމުރުގެ ފުރަތަމަ 5 އަހަރުގެ މުހިންމުކަމާއި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ބެލެނިވެރިން ބާރުވެރިކުރުވުމަށް 'ބެލެނިވެރިޔާ ޕްރޮގްރާމް' ފަދަ ނިޒާމުތަކުގެ ބޭނުންތެރިކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.
މެންދުރުފަހުގެ ދަންފަޅީގައި ވިލާ ކޮލެޖުގެ ދަރިވަރުންގެ ރިސާޗު ޕޭޕަރުތައް ހުށަހެޅުމާއި ސައިކޮލޮޖީ މާސްޓާސް ދަރިވަރުން އިސްނަގައިގެން ބެލެނިވެރިންނަށް އަމާޒުކޮށްގެން އަމަލީ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ އެވެ.
މީގެ އިތުރުން، ސިމްޕޯޒިއަމްއަށް ހާޒިރުވި ބެލެނިވެރިންގެ ކުދިންނަށްޓަކައި ހާއްސަ ކުޅޭ ސަރަހައްދެއް ގާއިމުކޮށް ތަފާތު ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.
ބުނީ ކީކޭ؟ - ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އައްޑާއީ ވަނީ، ކުދިންގެ މުޅި އުމުރުގެ ސިއްހަތާއި އުނގެނުމާއި ދުޅަހެޔޮކަން ބައްޓަންވުމުގައި ޅަފަތުގެ ދުވަސްވަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، ކުދިންނަށް އެހީތެރިވުން ފެށެނީ ސީދާ ބެލެނިވެރިންނަށް އެހީތެރިވުމާ ހިސާބުން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ހިދުމަތްތައް އެންމެ ޅަފަތުން ފެށިގެން އެއް ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރާ ނަމަ، އާއިލާތަކަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ލިބި، ކުދިން ކުރިއަރައި މުޅި މުޖުތަމައު ބާރުވެރިވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، ވިލާ ކޮލެޖުން ގަބޫލުކުރާ ގޮތުގައި ތައުލީމަކީ ހަމައެކަނި ކްލާސްރޫމަކުން ނިމޭ ކަމަކަށް ނުވެ، އޭގެ ފައިދާ ސީދާ މުޖުތަމައަށް ފޯރަންޖެހޭނެ ކަމަށެވެ.
މި ސިމްޕޯޒިއަމް ބައްޓަންކޮށް ކުރިއަށް ގެންދިއުމުގައި ވިލާ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމްތަކުގެ ދަރިވަރުން ކުރި ބުރަ މަސައްކަތަށް ތައުރީފުކުރައްވައި، އެ ދަރިވަރުން ހަމައެކަނި ތިއަރީ އުނގެނުމުގެ ބަދަލުގައި، ދިވެހި އާއިލާތަކަށް އަމަލީ ހައްލުތައް ހޯދައިދިނުމުގައި ނަމޫނާ ދައްކަވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮމެންޓް