މ.އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު (ފޮޓޯ/ ސްޓެލްކޯ)

3 އަތޮޅެއް ފެނަކައިން ދޫކޮށްލުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މ. އަތޮޅާ ރަސްމީކޮށް ހަވާލުވެއްޖެ

ފެނަކައިން ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ތިން އަތޮޅެއްގެ ރަށްރަށް ސްޓެލްކޯއާ ހަވާލުކުރުމުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޭޕްރީލް މަހު؛ އެ މަސައްކަތުގެ ތެރެއިން މ. އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަަށަކާ ސްޓެލްކޯއިން ވަނީ ރަސްމީކޮށް ހަވާލުވެފައި
1 ގަޑިއިރު ކުރިން

ފެނަކައިން ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ތިން އަތޮޅެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމައި އެ މަސައްކަތުގެ ތެރެއިން މ. އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަަށަކާ ސްޓެލްކޯއިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެ އެވެ.

ވީކިހިނެއް؟ - އެ ތިން އަތޮޅުގެ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެ ގޮތުން:

  • ފެނަކައިން މި ވަގުތު ހިދުމަތް ދެމުން އަންނަ ބ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވާނެ 

  • އެއީ 25 ރަށުގެ ކަރަންޓް، ފެން އަދި ނަރުދަމާގެ ހިދުމަތް

ތަފްސީލް - މ. މުލައް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކުރީ، އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެ ކުންފުނީގެ ފަރާތުން އެ ކަމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގަ އެވެ. އެ ގޮތުން:

  • ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު

  • ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން

މިއާ އެކު ސްޓެލްކޯއިން ހަވާލުވީ އިތުރު ހަތް ރަށުގެ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެއީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރު، މުލި، ނަލާފުށި، ރަތްމަންދޫގެ އިތުރުން ވޭވަށެވެ.

ސްޓެލްކޯއިން ބުނީ ކުރިން އެއްބަސްވެފައިވާ ގޮތަށް މ. މުލަކާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށް ވެސް ސްޓެލްކޯއަށް ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އެނގުން މުހިންމު - މި ބަދަލާ އެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭރުން ސްޓެލްކޯގެ ހިދުމަތް ފުޅާވާ ސަރަހައްދުތަކަކީ:

  • ގްރޭޓާ މާލެ ސަރަހައްދު 

  • ކ. އަތޮޅު

  • އއ. އަތޮޅު 

  • އދ. އަތޮޅު 

  • ވ. އަތޮޅު 

  • ބ. އަތޮޅު (އަލަށް) 

  • ޅ. އަތޮޅު (އަލަށް)

  • މ. އަތޮޅު (އަލަށް)

ފާހަގަކޮށްލެވޭ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ އުތުރާއި ދެކުނުގެ ޔުޓިލިޓީ ހިދުމަތްތައް ފެނަކައިގެ ދަށުގައި ބޭއްވުމެވެ. އެގޮތުން ފެނަކައިން އަދިވެސް 131 ރަށުގެ ޔުޓިލިޓީ ހިދުމަތްތައް ހިންގާނެ އެވެ. 

ގެއްލުމުގައި ހިންގަމުންދާ ފެނަކައިގެ މުވައްޒަފުން މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރަ ގަނޑުކޮށް ދޭ ގޮތަށް އަމިއްލައަށް ވަކިވާން ފުރުސަތު ހުޅުވާލާފައިވެ އެވެ. އެ ފުރުސަތަށް ތަރުހީބު ބޮޑުކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް