ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީސް. (ފޮޓޯ/އެޗްޑީސީ)
އެޗްޑީސީގެ މުވައްޒަފުންތަކަކަށް އިތުރަށް ދެގުނަ ބޮޑުކޮށް ބޯނަސް ދެވިގެން އަނބުރާ އެ ބައި ހޯދަނީ
މީގެ ހަ މަސް ކުރިން، އެޗްޑީސީގެ މުވައްޒަފުންތަކަކަށް ދޭން ޖެހޭ ވަރަށް ވުރެ ދެގުނަ ބޮޑުކޮށް ބޯނަސް ދެވިފައިވާކަން ފާހަގަކުރެވިގެން، އެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ވީކިހިނެއް؟ - އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް ދެގުނަ ބޮޑުކޮށް ބޯނަސް ދެވުނުކަން އެނގިގެން ތަނުގެ މެނޭޖުމަންޓުން އެ މުވައްޒަފުންނަށް ވަނީ އިތުރަށް ދެވުނު ބައި އަނބުރާ ކުންފުންޏަށް ހަވާލުކުރުމަށް މެއިލް މެދުވެރިކޮށް އަންގައިފަ އެވެ.
ތަފްސީލް - އެޗްޑީސީގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވި ގޮތުގައި، އަހަރު ފެށުނު ފަހުންނާއި އަހަރުގެ މެދުތެރެ އާއި އެއަށް ވުރެ ވެސް ފަހުން އެ ކުންފުންޏަށް ވަން ބައެއް މުވައްޒަފުންނަށް މުޅި އަހަރުގެ ބޯނަސް ދެވިފައިވާ ކަމަށެވެ. އެގޮތުން:
-
މުޅި އަހަރުގެ ބޯނަސްއަށް ދެނީ 18،600ރ.؛ އަހަރުގެ މެދުތެރެއިން ކުންފުންޏަށް ވަން ވަރަށް ގިނަ މުވައްޒަފުންނަށް 9،000ރ.ގެ ބަދަލުގައި ދެ ގުނަ ބޮޑުކޮށް މުޅި އަަހަރުގެ ބޯނަސް ދެވިފައި އެބަހުރި
-
ބޯނަސް ހިސާބުކުރުމުގެ ތެރެއިން އެރި އޮޅުމެއްގެ ސަބަބުން ގާތްގަނޑަށް 200 މުވައްޒަފުންނަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ބޯނަސް ދެވިފައިވޭ؛ އޭގެ ސަބަބުން އަނބުރާ ހޯދަން ޖެހޭ ޖުމުލަ މިނިއަނަކަށް ވުރެ ގިނަ ރުފިޔާ އެބައުޅޭ
-
މި ބޯނަސްއަކީ 2024 ވަނަ އަހަރުގެ ބޯނަސް؛ މި ބޯނަސް މުވައްޒަފުންނަށް ޖަމާކޮށްދިނީ މިދިޔަ ޑިސެމްބަރު މަހު
އެ ފައިސާ އަނބުރާ ކުންފުންޏަށް ހޯދުމަށް، އެއްފަހަރާ މި އަދަދު އަނބުރާ ދޭން ދަތިވާ މުވައްޒަފުންނަށް ހަ މަސް ނުވަތަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދެވޭނެ ގޮތެއް ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނުވަތަ ދެން އަންނަ ބޯނަސްއަކުން އެ ބައި އުނިކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ވެސް މުވައްޒަފުންނާ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް