'ވަޒީފާ ބުރާސްފަތި' އިހުތިޖާޖުގެ ތައްޔާރީތައް އެމްޑީޕީ ހަރުގޭގައި ކުރިއަށްދަނީ

އެމްޑީޕީ

މިރޭގެ އިހުތިޖާޖުގައި ސަރުކާރު އޮފީސްތަކަށް ވަންނާކަށް ނުރާވަން: އެމްޑީޕީ

އިދިކޮޅަށް ތާއީދުކުރާ މީހުން ވަޒީފާއިން ވަކިކުރުން ހުއްޓާނުލާ ނަމަ ސީދާ ހަރަކާތަށް ނުކުމެ، މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމަށް މި ފަހުން އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައި
1 ގަޑިއިރު ކުރިން

ސަރުކާރާ އިދިކޮޅު މުވައްޒަފުން ވަޒީފާތަކުން ވަކިކުރާ މައްސަލާގައި އެމްޑީޕީން މިރޭ ބާއްވާ އިހުތިޖާޖުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައި އޮފީސްތަކަށް ވަންނަން ރާވާފައި ނުވާކަަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބޭ އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހުއްޓާނުލައިފި ނަމަ، ސީދާ ހަރަކާތަށް ނުކުމެ، މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމަށް މި ފަހުން، ކުރީގެ ރައީސް އަދި އެމްޑީޕީގެ އާ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު މިހެން ވިދާޅުވީ، މި މަހުގެ 13ވަނަ ދުވަހު އޮތް އެމްޑީޕީ ޗެއާޕާސަން އިންތިހާބު ކާމިޔާބުވުމާ އެކު އުފާފާޅުކުރަން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގަ އެވެ.

'ވަޒީފާ ބުރާސްފަތި' ނަމުގައި މިރޭ މާލޭގައި އިހުތިޖާޖުކުރަން ނިންމައި އެކަމުގެ މައުލޫމާތު ހިއްސާކުރަން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، އެފަދަ އެއްވެސް ކަމެއް މިރޭގެ މުޒާހަރާއިން ފެނިދާނެތޯ ސުވާލުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ޖަވާބުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަން ވިދާޅުވީ މިރޭގެ މުޒާހަރާގެ މައިގަނޑު ބޭނުމަކީ ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން މުވައްޒަފުން ވަޒީފާތަކުން ވަކިކުރުން ހުއްޓާލަން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލުން ކަމަށެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ރަށްރަށުގައި އިހުތިޖާޖު ކުރާއިރު އޮފީސްތައް ކައިރިން އެ ހަރަކާތްތައް ފެނިދާނެ އެވެ. އެއީ ރަށްރަށުގައި އެފަދަ ތަންތަން ކައިރިއަށް އެއްވުން މަނާނުވާތީ އެވެ. އެކަމަކު އެތަންތަނަށް ވަދެ އިހުތިޖާޖު ކުރަން ރޭވިފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަންތަނަށް ވަދެ އެކަހަލަ ކަންކަން ކުރުމަކަށް އަދި ޕްލޭން ކުރެވިފައެއް ނެތް. އަދި ނުވެސް ވަންނާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ ރަށްރަށުގައި ވެސް އަދި މާލޭގައި ވެސް އަޅުގަނޑުމެން ހަރަކާތް ހިންގާއިރުގައި ސުލުހަވެރިކަމާ އެކީ ހިންގާ އަޑުއުފުލުންތަކެއް، އިހުތިޖާޖުތަކެއް މިކުރިއަށް ގެންދަނީ. އެއްވެސް ވަރަކަށް ތިވިދާޅުވި ގޮތަށް ތަންތަނަށް ވަދެ އެމަގުންނެެއް އެކަންކުރާކަށް އަޅުގަނޑުމެން ރާވާފައެއް ނެތް. ޕްލޭންކޮށްފައެއްް ވެސް ނެތް،" ހުސެއިން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ވަޒީފާތަކުން ވަކިކޮށްފައިވާ 80 އެއްހާ މީހުންގެ ޝަކުވާ އެމްޑީޕީއަށް ލިބިފައިވޭ

  • ވަޒީފާއާ ބެހޭ ޓްރިބިއުނަލްގައި ގާތްގަނޑަކަށް 60 މައްސަލަ ހިނގަމުން އެބަދޭ

  • މިދިޔަ އަންގާރަދުވަހު އެކަނި ވެސް 10 ވަރަަކަށް މީހުން ވަޒީފާއިން ވަކިކުރިކަމުގެ ޝަކުވާ ހުށަހެޅި

  • މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ އަދި ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ހަދާފައިވާ ގޮތް ފެންނާނެ؛ ރައްޔިތުންނަށް މިވަގުތު އޮތް ހަމައެކަނި ހައްލަކީ މަގުމަތި

  • އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި އޮތީ ދިގުދެމިގެންވާ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދަން

އެނގުން މުހިންމު - މިރޭ ބާއްވާ ހަރަކާތް ފަށަނީ 8:30ގައި ރަަސްފަންނު ސަރަހައްދުުންނެވެ.

މި އިހުތިޖާޖު ނިންމަން ހަމަޖެހިފައި އޮތީ އާޓިފިޝަލް ބީޗަށެވެ.

މި އެއްވުމުގައި ނަޝީދު ހިމެނޭހެން، އެ ޕާޓީގެ ލީޑާޝިޕް ބައެއް ބޭފުޅުން ވެސް  ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް