'އަދަދު' ނޫހުގެ ނޫސްވެރިން ފުލުހުންގެ އިދާރާ ކައިރީގައި (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ނޫސްވެރިކަން

'އަދަދު' ނޫހުގެ މުދާތައް ފުލުހުން ހިފެހެއްޓިތާ ދޮޅު މަސްވެ، އެ ތަކެތި ރައްދުނުކޮށްދީގެން ކޯޓަށް

'އަދަދު' ނޫހުގެ އިދާރާގެ ތެރެއަށް ފުލުހުން މިދިޔަ 27 އޭޕްރީލްގެ ރޭ ވަދެ، މުދާތައް ހިފަހައްޓައިގެން ގެންދިޔައީ އެ ނޫހުން ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި
1 ގަޑިއިރު ކުރިން

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް 'އަދަދު' ނޫހުން ތުހުމަތުކޮށް އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލާގައި ފުލުހުން އެ ނޫހުގެ އިދާރާއަށް ވަދެ ގެންދިޔަ މުދާތައް ހޯދަން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - 'އަދަދު' ނޫސް ހިންގާ އިދާރާއަށް ފުލުހުން ވަދެ، އެ ތަނުގެ ލެޕްޓޮޕްތަކެއް ހިމެނޭ ގޮތަށް ނޫސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންކުރާ އެކި އެލެކްޓްރޯނިކް ސާމާނުތައް ގެންދިޔައީ މިދިޔަ 27 އޭޕްރީލްގަ އެވެ.

އޭގެ ފަހުން 1 މަހާއި 22 ދުވަސް ވީއިރު ވެސް އެ ތަކެތި އަނބުރާ ރައްދުނުކޮށްދޭތީ، 'އަދަދު' ނޫހުން ވަނީ ކްރިމިނަލް ކޯޓަށް، މުދާ ހޯދުމުގެ އަމުރަށް އެދި މައްސަލައެއް ހުށަހަޅައިފަ އެވެ.

ތަފްސީލް -  ރައީސް މުހައްމަދު މުއިއްޒު ބަދުއަހުލާގީ އަމަލުތަކެއް ހިންގެވި ކަމަށް އެ ނޫހުން ކުރާ ތުހުމަތުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓުން ވަނީ ޗިޓު ފޮނުވައިފަ އެވެ. 'އަދަދު' ނޫސް ހިންގާ އޮބްލިކް މީޑިއާ ގްރޫޕަށް ފޮނުވި ޗިޓުގައިވާ ގޮތުން، މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 9:00 ޖަހާއިރަށެވެ. 

'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން އެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށް އަމުރެއް ނެރެފައިވެ އެވެ.

އެ އަމުރާ ހިލާފުވި ކަމަށް އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ވެސް ލި އެވެ. އެ ނޫހުގެ މުހައްމަދު ޝަހުޒާން 15 ދުވަހަށް، އަދި ލީވާން އަލީ ނާސިރު 10 ދުވަހަށެވެ. އެ ގޮތުން:

  • ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލުކޮށްގެން

  • 'ލީވާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނު ގޮތަކުން

ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރާއި ދެ ނޫސްވެރިން ޖަލަށް ލީ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުން ވަނީ އެ ދެ މައްސަލަ ވެސް ބަލައިގެންފަ އެވެ. އެކަމަކު އަދި އަޑުއެހުމެއް ނުބާއްވަ އެވެ.

އެނގުން މުހިންމު - ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް