އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުން --
މުޒާހަރާ ދައުވާތައް އުފުލި 8 މީހުންގެ ޝަރީއަތް ފަށައިފި؛ 3 މީހަކު ނަސޭހަތުގެ އެއްބަސްވުމަކަށް އެދުނު
މިދިޔަ އަހަރުގެ 3 އޮކްޓޯބަރު ދުވަހުގެ ރޭ، ފުލުހުން ދިން އިރުޝާދާ ހިލާފަށް މަޖީދީމަގުން އިދިކޮޅު އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދަން އުޅުމުން، މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނާ އަށް މީހުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހިމެނޭ ގޮތަށް އަށް މީހެއްގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
މައުރޫފް އާއި ޒަހިއްޔާގެ އިތުރުން މި ދައުވާކުރި މީހުންނަކީ:
-
އަބްދުއްސަލާމް
-
މުހައްމަދު ހަމާއިދު އަބްދުލްގަނީ
-
އަލީ ނައުފަލް
-
އާއިޝަތު ނަޖުދާ އަލީ
-
އަލީ މުއައްވަޒު
-
ހުސައިން ރަޝީދު
ތަފްސީލް - މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމަށް މެންބަރު މައުރޫފު ފިޔަވައި ދެން ތިބި ހަތް މީހުން ވެސް ހާޒިރުވި އެވެ.
އޭގެ ތެރެއިން ތިން މީހަކު ވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފަ އެވެ. އެ ގޮތުން:
-
އެ ތިން މީހުންނަކީ ނައުފަލް، މުއައްވަޒުގެ އިތުރުން ހުސައިން
-
އެ ކަމަށް އެދި ތިން މީހުން ވެސް ޕީޖީ އޮފީހަށް ފޯމު ފޮނުވީ ރޭގެ ވަގުތެއްގައި ކަމުން، ނަސޭހަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން އެ އޮފީހުން ވަކި ގޮތެއް ނުނިންމާ
ދެން ތިބި ހަތަރު މީހުން ވެސް އެދުނީ ވަކީލަކު އައްޔަންކުރުމަށް 30 ދުވަހުގެ ފުރުސަތު ދިނުމަށެވެ. އެހެން ނަމަވެސް ބަންދުގައި ނެތް މީހުންނަށް ވަކީލަކު އައްޔަންކުރަން ފުރަތަމަ ދޭން އޮންނަނީ 10 ދުވަސް ކަމަށް ވާތީ ގާޒީ ދެއްވީ 10 ދުވަހެވެ.
މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް ޒިހުނީ ވިދާޅުވީ 10 ދުވަސް ދިން ނަމަވެސް ދެން އަޑުއެހުމެއް ތާވަލުކުރާނީ އެއަށްވުރެ ދިގު މުއްދަތެއް ލިބޭނެ ގޮތަށް ކަމަށެވެ.
އެނގުން މުހިންމު - މިދިޔަ އަހަރުގެ 3 އޮކްޓޯބަރުގައި ބޭއްވި އެ މުޒާހަރާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެކަމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެހެން ހަތް މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ނިންމީ އެ ހަތް މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
ކޮމެންޓް (1)
ތެފައާސާ.