މެދުއިރުމަތީގެ ހަނގުރާމައިގެ ދަތިތައް ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް ރައީސް އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް (ފޮޓޯ/ރައީސް އޮފީސް)
އެމެރިކާ-އިރާންގެ ސުލްހައިގެ އެއްބަސްވުމަށް ރާއްޖޭން މަރުހަބާ ކިޔައިފި
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އިބްތިދާއީ އެއްބަސްވުމަކަށް އައުމުން ދިވެހި ސަރުކާރުން އެ ކަމަށް މަރުހަބާ ކިޔައި ބަޔާނެއް މިއަދު ނެރެފި އެވެ.
ވީކިހިނެއް؟ - ފާއިތުވި ތިން މަސްދުވަހު ހިނގަމުންދިޔަ ކުރިމަތިލުންތަކަށް ނިމުމެއް ގެނައުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި އީރާނަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނައްތާލުމަށް އަމާޒުކޮށް، ދެ ގައުމުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގަ އެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވަނީ، ހޮރްމުޒް ކަނޑުއޮޅިގައި ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތައް ހިމެނޭ ގޮތަށް ދެގައުމުގެ ދެމެދުގައި ނުނިމި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭ އެއްބަސްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
"ދިވެހިރާއްޖޭން ދެކެނީ މި ކުރިއެރުމަކީ ފިތުނަތައް މެދުއިރުމަތީ ސަރަޙައްދުގަ އާއި އެއަށް ވުރެ ދުރުގައި ވެސް ސުލްހަ އާއި އަމާންކަމާއި ހަމަޖެހުން އިތުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ،" އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެ އެވެ.
ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި ދެފަރާތުން ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި މަޝްވަރާއާއި ޑިޕްލޮމެސީ ކުރިއަށް ނެރުނީތީ އެ ކަމަށް ދިވެހި ސަރުކާރުން އަގު ވަޒަންކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދި މި ސުލްހަ ގެނައުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނާއި ގަތަރުގެ އިތުރުން ގަލްފު ސަރަހައްދުގެ އެހެން ގައުމުތަކާއި ބައިނަލްއަގއުވާމީ ބައިވެރިން މި މަޝްވަރާއަށް މަގުފަހިކޮށްދިނުމަށް ކުރި މަސައްކަތްތަކަކީ ބިނާކުރަނިވި މަސައްކަތްތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެއީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް