'ލެޓްސް ޑޫ އިޓް މޯލްޑިވްސް' އިން ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައިގެން ހިންގި ހަރަކާތްތައް.
ކުނި މެނޭޖުކުރުމާ ބެހޭ ސަރަހައްދީ ބައްދަލުވުން ހިންމަފުށީގައި ބާއްވަނީ
މި އަހަރުގެ 'ވޯލްޑް ކްލީންއަޕް ޑޭ ލީޑާސް އެކަޑަމީ އޭޝިއާ' ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ބައްދަލުވުން އަންނަ ހުކުރު ދުވަހު ކ. ހިންމަފުށީގައި ފަށާއިރު، ހަތަރު ދުވަހަށް ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ.
މި ހަރަކާތުގައި އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި އެހެނިހެން ސަރަހައްދުތަކުގެ ތިމާވެށީގެ ދާއިރާގެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 23އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ހިމެނެ އެވެ.
ތަފްސީލް - މި ޕްރޮގްރާމަކީ 'ލެޓްސް ޑޫ އިޓް ވޯލްޑް' އަދި 'ލެޓްސް ޑޫ އިޓް މޯލްޑިވްސް' ގުޅިގެން، ކުނި މެނޭޖުކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި އިޖުތިމާއީ ހަރަކާތްތައް ވަރުގަދަކުރުމަށް މަޝްވަރާކޮށް އެއްބާރުލުން އިތުރުކުރުމަށް ބާއްވާ ސަރަހައްދީ ފޯރަމެކެވެ.
މި ޕްރޮގްރާމް ބިނާވެފައިވަނީ ގައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ކާމިޔާބު މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން، މި އަހަރުގެ ދުނިޔޭގެ ސާފުކުރުމުގެ ދުވަހަށް ތައްޔާރުވުމަށްޓަކައި ސްޓްރެޓެޖީތައް އެކުލަވާލުމުގެ މައްޗަށެވެ. އަދި ބައިވެރިންގެ ގައުމުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް ހުށަހަޅައި މުޖުތަމައުތަކުގެ މެދުގައި މިފަދަ ހަރަކާތްތައް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
ރާއްޖޭގައި މި ބައްދަލުވުން ބާއްވަނީ މިދިޔަ 17-20 ޖުލައިއަށް ސިންގަޕޫރުގައި ބޭއްވި ލީޑާސް އެކަޑަމީއަށް ފަހު އެވެ. ސިންގަޕޫރުގެ ބައްދަލުވުމުގައި ވެސް ގައުމުތަކުގެ ރިޕޯޓްތައް ހިއްސާކޮށް، ތިމާވެށީގެ ދާއިރާގައި ކުރެވިފައިވާ ނަމޫނާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ - 'ލެޓްސް ޑޫ އިޓް މޯލްޑިވްސް'އަކީ، 2018 އިން ފެށިގެން ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކާއި މަދަނީ ޖަމިއްޔާތަކާއި ސްކޫލްތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ އާދަކާދަ އަށަގަންނުވަން މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވާ ހަރަކާތްތަކުގައި ގާތްގަނޑަކަށް 22,000 މީހުން ބައިވެރިވެ އެވެ. އަދި އަހަރަކު 4 އާއި 5 ޓަނާ ދެމެދުގެ މިންވަރަކަށް ކުނި އެއްކުރެ އެވެ.
މިދިޔަ އަހަރުގެ ދުނިޔޭގެ ސާފުކުރުމުގެ ދުވަހުގެ ހަރަކާތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 20,000އަށް ވުރެ ގިނަ މީހުން ބައިވެރިވިއިރު، މިދިޔަ އަހަރުގެ ގައުމީ ފެންވަރުގެ މައި ހަރަކާތް ބޭއްވީ ބ. ކަމަދޫގަ އެވެ.
ކޮމެންޓް