ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޕީއެންސީ

ޕީއެންސީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ

ކޮންގްރެސްގެ ކުރިން ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރަން ޖެހޭތީ އަންނަ ޖުލައި މަހު ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވޭ
1 ގަޑިއިރު ކުރިން

ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

ވީކިހިނެއް؟ - ކުރިން ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ އަންނަ އޮކްޓޯބަރުގަ އެވެ. އެ ތާރީހު އަވަސްކުރުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ޓައިމްލައިން ހިމެނޭ ގޮތަށް ކޮންގްރެސްގެ ކަންކަން ރޭވުމަށް ވަކި ކޮމިޓީއެއް ވެސް ނެގި އެވެ.

ތަފްސީލް - ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކޮންގްރެސް ކުރިއަށް ދާނީ 15 އިން 18 ސެޕްޓެމްބަރަށެވެ.

ކޮންގްރެސްގެ ކުރިން ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ އަންނަ 11 ޖުލައިގައި އެ އިންތިހާބު ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • މަގާމުތަކަށް ކުރިމަތިލާން ހާއްސަ ޕޯޓަލެއް ވެސް ތައްޔާރުކޮށް ވަނީ ނިމިފައި؛ މިއަދުން ފެށިގެން މަގާމުތަކަށް ކުރިމަތިލާން 30 ދުވަހުގެ ފުރުސަތެއް ލިބޭނެ

  • އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް؛ މަގާމުތަކަށް ކުރިމަތިލެވޭނީ ވެސް މި އުސޫލުން

  • ދާއިރާ ރައީސުންގެ އިންތިހާބު އޮންނާނީ ޕީއެންސީގެ މަޖިލިސް މެންބަރަކު ނެތް ދާއިރާތަކުގައި

ފާހަގަކޮށްލެވޭ - ޕީއެންސީގެ އުސޫލުތައް މިހާރު އޮންނަ ގޮތުން ދާއިރާގެ މަޖިލިސް މެންބަރަކު ހުންނަވާނަމަ ދާއިރާގެ ރައީސަކީ އެ މަޖިލިސް މެންބަރެވެ. ދާއިރާގެ ރައީސްކަމުގައި މަޖިލިސް މެންބަރަކު ހުންނަވާ ހާލަތުގައި ވެސް ލީޑާޝިޕަށް އެ މީހަކު ދާއިރާގެ ރައީސްކަމުން ވަކިކުރުމުގެ ބާރު އޮންނަނީ ދީފަ އެވެ.

ލީޑާޝިޕަށް ދީފައި އޮންނަ އެ ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް ވަނީ ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކޮށްފަ އެވެ. ނާޒިމް އަދިވެސް މަޖިލިސް މެންބަރަކަށް ހުންނެވި ނަމަވެސް ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކޮށްފައިވާތީ، ޖުލައި މަހު އޮންނަ އިންތިހާބުގައި ދިއްގަރު ދާއިރާއަށް ރައީސަކު އިންތިހާބުކުރުން އޮންނާނެ އެވެ.

އެނގުން މުހިންމު - ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ. އެ ގޮތުން:

  • ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ

  • ޕީއެންސީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއް

  • އެހެންވެ އަންނަ ކޮންގްރެސްގައި ޕީއެންސީގެ ރައީސް އާއި ޗެއާޕާސަން އިންތިހާބުކުރަން ޖެހޭ ހާލަތެއް ނެތް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް