އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ އައިސްފައި(ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރާއްޖެއަށް ގެނެސްފި

އެމްއެންޑީއެފް އިން ބުނިގޮތުގައި، މި އުޅަނދާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު ރާއްޖެއަށް މިއަދު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - މި އުޅަނދަކީ، ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދުވުމަށް އެމަނިކުފާނުވެފައިވާ ވައުދުފުޅުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެއް ކަމަށް ވެސް ބުންޏެވެ. 

އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ އައުމުން ވޯޓާ ސެލިއުޓެއް ދެނީ(ފޮޓޯ/ އެމްއެންޑީއެފް)

ތަފްސީލް - މި އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް މިއަދު އައުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑޭވިޑް ޖެސަޕް އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު މި އުޅަނދު ހުޅުމާލެ ބަނދަރަށް ވަނުމާއެކު ވޯޓާ ސެލިއުޓެއް ވަނީ އަރުވާފަ އެވެ. އެމްއެންޑީއެފްއިން ބުނީ، އެ އުޅަނދު މިއަދު ރާއްޖެ އައީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު ކަމަށެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފަ އެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މި އުޅަނދާއެކު:

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުވެގެންދާނެ

  • ކަނޑުމަތީގައި ހިންގާ ގައިރުގާނޫނީ އަމަލުތައް ހުއްޓުވުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުވެގެންދާނެ

  • ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ 

  • މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް

މި އުޅަނދަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ހުޅުމާލޭ ބަަނދަރު ސަރަހައްދުގައި އޮތް މި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ.

ކޮމެންޓް (4)

profile-image-placeholder

ބެއްޔާގެ ދަރި

17 ޖޫން 2026
ތުރުކީން ދިން ކަހަލަ ބާ އެތިގަނޑެއް ނޫން ދޯ.

ސިކުނޑި

15 ޖޫން 2026
ޝުކުރިއްޔާ ރައީސް މުއީޒް! މަރުހަބާ އެމްއެންޑީއެފް! ތިޔަ އުޅަނދު އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ ދިވެހީން އެންމެ އެދޭކަންތައް! ހަލާކު ވެދާނެތީ ނުދުއްވާ ބާއްވައިގެން ހަލާކު ވުމަށްވުރެ ދުއްވައިގެން ހަލާކުވިޔަސް މާ ރަނގަޅުވާނެ!!

ފަހުލަވާނު

15 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތުގައި ވަތަނީ ވިސްނުން އިމުން ބޭރުވުމާއި ހަނގުރާމައަކަށް ރާއްޖޭ ދާން ބޭނުންވާފަދަ ކަންކަމަކީ ދިވެހި ރާއްޖެއާއި މެދު ދުނިޔޭން ދެކޭގޮތް ބަދަލުވުން. މިހާރުވެސް ފޯޅަވަހީގެ މައްސަލައިގައި މުއިއްޒުގެ ދުރުވިސްނުމެއްނެތް ސިޔާސަތުގެ ސަބަބުން ކުރިމަގު އޮތީ ވަރަށް ގޯސްކޮށް. މުއިއްޒުއަށް 2028 ނުދިނުމަކީ ކޮންމެހެން ކުރަންޖެހޭ ޤައުމީކަމެއް. އަންނީ އެކަން ކުރާނެ.

ސިކުނޑި

15 ޖޫން 2026
@ފަހުލަވާނު ގުޅުންހުރި ކަމުގައިވިޔަސް ޚާރިޖީ ސިޔާސަތަކީ ވަކިއެއްޗެއް އަދި ދިފާޢު ވަރުގަދަ ކުރުމަކީ އެހެންކަމެއް! ރާއްޖޭން ހަނގުރާމައެއް ނުކުރިޔަސް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިމާއި، ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމާއި ގާނޫނު ނެގެހެއްޓުމަށް އެހީތެރިވެދޭނެ! ސޮހޮލެއްވިޔަސް ރަނގަޅުކަމެއް ކޮށްފިއްޔާ ރަނގަޅޭ ބުނަންޖެހޭނެ! އެހެންނޫނީ ތިޔަ ހުރެވެނީ ޒާތީވެފަ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް