އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު: އެ ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރައީސްއާ ނުލާ ޕޭޕަލް ނުގެނެވުނީސް؛ ތިޔައީ ޑިޖިޓަލް ބަދަލު ގެނެސްދިން ޗެމްޕިއަން: ސައީދު

އުރީދޫ ފިންޓެކްއާ ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް މިއަދު ވަނީ ތައާރަފްކޮށްފައި. ނަމަވެސް ސައީދު ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ދުރު ވިސްނުންފުޅާއި މި ސަރުކާރުގެ ބުރަ މަސައްކަތާ ނުލައި އެކަން ނުކުރެވޭނެ
1 ގަޑިއިރު ކުރިން
2

ރައީސް މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި މި ސަރުކާރުގެ ބުރަ މަސައްކަތާ ނުލައި ރާއްޖެއަށް ޕޭޕަލް ނުގެނެވުނީސް ކަމަށާއި ރައީސްއަކީ ރާއްޖެ މި ދެކޭ ޑިޖިޓަލް ބަދަލު ފައްޓަވައިދެއްވި 'ޗެމްޕިއަން' ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫ ފިންޓެކްއާ ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރީ މިއަދު އެވެ.

އެ ހިދުމަތް ރާއްޖޭގައި ދޭން ނިންމާފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު 'އެމް-ފައިސާ' އާއި ޕޭޕަލް ގުޅުވައިގެންނެވެ.

ބުނީ ކީކޭ؟ - އެ ހިދުމަތް ތައާރަފްކުރަން މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްކެވި ވާހަކައިގައި މަސައްކަތް ކުރެއްވީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާއި މި ސަރުކާރުގެ ބުރަ މަސައްކަތުންކަން ދެއްކުމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ 2024ގެ ތެރޭގައި ސަރުކާރާއި ޕޭޕަލްއާ ދެމެދު މަޝްވަރާކޮށް، ކަންޓްރީ ޕްރޮފައިލްއަކާ އެކު ރަސްމީ ސިފައެއްގައި ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން ރެގިއުލޭޓަރީ ފްރޭމްވޯކަށް ބަދަލު ގެނައުމަށް ކުރި ބުރަ މަސައްކަތް ވެސް ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ޕޭޕަލްއިން ރާއްޖޭގެ ލޯކަލް އިމްޕްލިމެންޓޭޝަން ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެއްސީ، ސައީދު ވިދާޅުވި ގޮތުގައި، އޭގެ ޖެހިގެން އައި އަހަރު އެވެ.

އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ސައީދު މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޕޭޕަލްއާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ކްލިޕެއް ވެސް ވަނީ އިއްވާފަ އެވެ.

އެ ދުވަހު ރައީސް ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން އުޅޭކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމުގައި އަމަލީ ގޮތުން ސަރުކާރުން މަސައްކަތް ކުރިކަން، އެ އޯޑިއޯގައި ވިދާޅެއްނުވެ އެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި ނެތުން. މިކަން ހައްލުކުރުމަށްޓަކައި ޕޭޕަލް ރާއްޖޭގައި އޮޕަރޭޓުކުރަން ފެށުމަށް ގިނަގުނަ މަސައްކަތް ކުރެވި، ޕޭޕަލް ރާއްޖޭގައި ބޭނުންކުރެވޭނެ އިންތިޒާމު ދާދި އަވަހަށް ހަމަޖެހޭނެކަމަށް މައުލޫމާތު ލިބިފައިވޭ،" ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

މިއަދު އުރީދޫ ފިންޓެކުން ރާއްޖެއަށް ޕޭޕަލް ތައާރަފްކޮށްފައިވާއިރު، އެކަމަށްޓަކައި ސައީދު ޝުކުރު އަދާކުރެއްވީ ރައީސްއަށެވެ.

"ތާރީހުގައި މަނިކުފާނުގެ ނަން ލިޔެވިގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލު ފައްޓަވައިދެއްވައި، ކްރިއޭޓާ އިކޮނޮމީގެ ޕޮޓެންޝަލް ހުޅުވައިދެއްވި ޗެމްޕިއަންގެ ގޮތުގައި... މަނިކުފާނުގެ ލީޑަޝިޕްއާ ނުލައި ޕޭޕަލް ހަގީގަތަކަށް ނުވާނެ،" ސައީދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ގުޅުން ހުރި - އުރީދޫން ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފްކުރި ވަގުތާ ދިމާކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.

އެ ބަޔާނުގައި ވެސް ބުނި ގޮތުގައި އެ ހިދުމަތް ދެނީ އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ނަމަވެސް، އެ ގުޅުން ގާއިމްކުރެވުނީ ދިވެހި ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު ގިނަގުނަ މަޝްވަރާތަކުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް (2)

profile-image-placeholder

ހުދުމުހުތާރު

43 މިނިޓު ކުރިން
"އުރީދޫން ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފްކުރި" ދެން މީގަ ރައީސް / ސަރުކާރުން ކޮން ކަމެއް ކުރީ؟؟؟؟

ސިކުނޑި

1 ގަޑިއިރު ކުރިން
ހުޝާމަދު ކުރުމުގައި ކުރިން ކަން ހިނގާފައިވާ ގޮތާއި މިހާރު ހިނގަމުންދާގޮތް ބަލަންވާނެ! ޕޭޕަލް މެދުވެރިކޮށް ކުރިން ރާއްޖެއިން ޕޭމަންޓް ހެދޭ! އެވަރުވެސް އަނެއްހެން ރަނގަޅު! މިހާރު ކުންފުންޏަކުން އެކަން އެކުރީ، ޕޭމަންޓް ރިސީވްވެސް ކުރެވޭގޮތަށް! ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން އުޅޭނެކަމެއް ނެތް! ދިވެހިން ގަބޫލެއް ނުކުރާނެ! ސަރުކާރުން ތިހެން ތިކަން ކުރިނަމަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ދިރާގު މެދުވެރިކޮށް ނުކުރީ ކީއްވެ؟ އަދި، ތިކަން ކުރުމުން އޭގެއިން ދޭހަވަނީ ސަރުކާރުން ވަކިފަރާތަކަށް ބުރަވެ، ބަޔަކަށް މާލީ މަންފާއެއް ހޯދައިދޭން މަސައްކަތް ކުރިކަން! އަދިކޮބާ، ޕޭޕަލް އައިއިރު، ޑޮލަރެއްނެތެއްނު؟ ދެން ކީއްކުރާ ޚިދުމަތެއް؟؟ މިސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ، ހަރާމްޖާޒާ އުސޫލަކުން، ތަނެއްގައި ބޭސްއަޅަން ވެއްޖިއްޔާ ފުރަތަ އަނިޔާއެއްދެނީ އެއަށްފަހު ބޭސްއަޅާފައި ބުނަނީ ސަރުކާރުން އެއޮތީ ބޭސް އަޅައިދީފައޭ!! ދިވެހީން މިއަދު މާ ހޭލުންތެރިވެއްޖެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް