'ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް މޯލްޑިވްސް 2026' އޮންނާނީ 29-30 ސެޕްޓެމްބަރުގައި ބާސެލޯ ނަސަންދުރަ މާލޭގައި.
ފަތުރުވެރިކަމުގެ ސަލާމަތާ ބެހޭ ކޮންފަރެންސެއް އަންނަ ސެޕްޓެމްބަރުގައި ބާއްވަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ނުރައްކާތަކާއި އެ ކަންކަމާ ކުރިމަތިލުމާ ބެހޭ ކޮންފަރެންސެއް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަ، ސޭފްޓީ އެންޑް ސެކިއުރިޓީ އިންޑަސްޓްރީޒް (މެފްސީ)ން އިންތިޒާމުކުރާ 'ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް މޯލްޑިވްސް 2026' އޮންނާނީ 29-30 ސެޕްޓެމްބަރުގައި ބާސެލޯ ނަސަންދުރަ މާލޭގަ އެވެ.
ތަފްސީލް - ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ތެރޭގައި:
-
ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތައް
-
ސެކިއުރިޓީ މެނޭޖަރުން
-
އިންޖިނޭރުން
-
ސޭފްޓީ އޮފިސަރުން
-
ސަރުކާރުގެ ކަމާބެހޭ އިދާރާތައް
-
ފުލުހުންނާއި އެމްއެންޑީއެފް
-
ފަޔަ އެންޑް ރެސްކިއު ހިދުމަތްތައް
-
ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް
-
އިންޝުއަރެންސް ދާއިރާ
'ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ރައްކާތެރިކުރުން: ނުރައްކާ، ދެމެހެއްޓެނިވިކަން އަދި ފަންނީ ހުނަރު'، މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާކުރުމާއި އޮޕަރޭޝަނަލް ތައްޔާރީތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ފަންނީ މިންގަނޑުތައް ވަރުގަދަކުރުމެވެ.
މެފްސީން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ތަންތަން މުޅި ރާއްޖޭގައި ހުރިއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އަދި ގިނަ ފަހަރަށް ސަލާމަތީ ކަންކަން ބެލެހެއްޓުން އެކި ދާއިރާތަކަށް ބެހިފައި އޮތުމުގެ ސަބަބުން، އެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ފަންނީ މާހިރުން ހުރިހާ ތަނެއްގައި ނެތްކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
މީގެ އިތުރުން، މި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ގަވާއިދުތައް ތަންފީޒުކުރުން ބަލިކަށިވުމާއި ތަމްރީނާއި ސަނަދު ހޯދުމުގައި ހުރި ހުރަސްތަކާއި ސިނާއަތުގެ ތެރޭގައި މަޝްވަރާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން އޮޕަރޭޝަނަލް ނުރައްކާތައް އިތުރުވަމުންދިއުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައިވަނީ ސްޓްރެޓެޖީ އާއި ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި، ސަރުކާރުގެ އިސްވެރިންގެ ތަގުރީރުތަކާއި ސިޔާސަތުތަކާ ބެހޭ މަޝްވަރާތަކާއި ގަވާއިދުތަކާ ގުޅޭ ބަހުސްތަކުގެ އިތުރުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމުގެ ސެޝަންތައް ހިމެނެ އެވެ.
ދެވަނަ ދުވަހު އަލިއަޅުވާލާނީ އޮޕަރޭޝަނަލް އަދި ފަންނީ ކަންކަމަށެވެ. މީގެ ތެރޭގައި ނުރައްކާތައް ދެނެގަތުމާއި ހާދިސާތަކަށް އިޖާބަދިނުމާއި މިފަދަ ކަންކަމުގެ ތަޖުރިބާތަކުގެ ދިރާސާ އަދި ސަލާމަތީ ކަންކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތައް ދައްކާލުން ހިމެނެ އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ސަލާމަތީ ނުރައްކާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމާއި އިންސާނީ ވަސީލަތްތަކާއި ލީޑަޝިޕް، ފަންނީ ތަރައްގީ އަދި ސަލާމަތީ އޮޕަރޭޝަންތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.
ކޮމެންޓް