ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރި ސުހާ (ކ) އާއި ފަސްޓް ލޭޑީ ސާޖިދާ --

ދ. މީދޫ

ދ. މީދޫ ކައުންސިލް ރަައީސްގެ ގޮނޑި ޕީއެންސީގެ ސުހާ ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ސުހާއަށް ލިބުނީ 529 ވޯޓު، އެމްޑީއޭގެ ކެންޑިޑޭޓު ޝާހިދަށް ލިބުނީ 449 ވޯޓު
1 ގަޑިއިރު ކުރިން

ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައިވާތީ މިއަދު ކުރިއަށްގެންދިޔަ ދެވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފި އެވެ.

ވީކިހިނެއް؟ - އިންތިހާބުގެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން އެންމެ ކުރީގައި އޮތީ ވެސް 393 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އެވެ. އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ކެންޑިޑޭޓް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ.

އޭގެ ފަހުން ވީ ގޮތަކީ:

  • ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެން، ސުހާއަށް ލިބުނު އެއް ވޯޓު ބާތިލުކުރުމުން ދެ ކެންޑިޑޭޓުންގެ ވޯޓް އެއްވަރުވި

  • އެއަށް ފަހު ފޮނަދޫ ފޮށި އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދު 

  • އެހެން ނަމަވެސް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްކުރީ ސުހާއަށް ލިބުނު އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށް؛ އޭގެ ސަބަބުން އަނެއްކާ ވެސް ދެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓު އެއްވަރުވި

ތަފްސީލް - ހައި ކޯޓުގެ ހުކުމުގެ ސަބަބުން ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ސުހާއަށް ލިބުނީ 529 ވޯޓެވެ. ޝާހިދަށް ލިބުނީ 449 ވޯޓެވެ. އެ ގޮތުން:

  • މީދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި: ސުހާއަށް 145 ވޯޓު، ޝާހިދަށް 128 ވޯޓު

  • މީދޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށި: ސުހާއަށް 149 ވޯޓު، ޝާހިދަށް 129 ވޯޓު

  • މާލޭގައި ބެހެއްޓި ވޯޓު ފޮށި: ސުހާއަށް 235 ވޯޓު، ޝާހިދަށް 192 ވޯޓު

ފާހަގަކޮށްލެވޭ - ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާއަކީ، ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލީ ބޭފުޅެކެވެ.

މި ނަތީޖާއާއެކު ދ. މީދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ލިބެނީ ވެރިކަންކުރާ ޕީއެންސީއަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް