މީދޫ ރައީސް ހޮވުމުގެ ބައި އިލްކްޝަންގައި މިއަދު ވޯޓްލަނީ (ފޮޓޯ/އީސީ)

ކޯޓް ހުކުމަކުން ވޯޓް އެއްވަރުވި ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ ބައި-އިލެކްޝަން ފަށައިފި

އެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށާފައިވާއިރު 1،400 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ
1 ގަޑިއިރު ކުރިން

ހައިކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައިވާތީ އެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

ތަފްސީލް - އެ އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00ގަ އެވެ. އަދި ހަވީރު 4:00 ގެ ނިޔަލަށް ވޯޓްލުން ކުރިއަށް ދާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުންޏެވެ.

  • މިއަދުގެ ވޯޓްގައި 1،409 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ

ފަސްފަހަތް އަދި ނަތީޖާ އެއްވަރުވި ގޮތް

މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ:

  • ސުހާ އިބްރާހިމް - ޕީއެންސީ

  • މުހައްމަދު ޝާހިދު - އެމްޑީއޭ

  • އިބްރާހިމް ނަސީމް - އަމިއްލަ ގޮތުން

އިންތިހާބުގެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން އެންމެ ކުރީގައި އޮތީ 393 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އެވެ. އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ކެންޑިޑޭޓް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ.

މައްސަލަ އުފެދުނީ:

  • ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެން

  • އެ މައްސަލައިގައި ސުހާއަށް ލިބުނު އެއް ވޯޓު ބާތިލުކުރުމުން ދެ ކެންޑިޑޭޓުންގެ ވޯޓް އެއްވަރުވި

  • އެއަށްފަހު ފޮނަދޫ ފޮށި އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދު 

އެ ނަތީޖާއަށްފަހު، ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. މި މައްސަލަ ބެލުމަށްފަހު މިދިޔަ މަހު ހައިކޯޓުން ނިންމީ:

  • އޭގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް

ހައިކޯޓުގެ އެ ހުކުމާއެކު، ސުހާ އާއި ޝާހިދުގެ ވޯޓު އަނެއްކާވެސް އެއްވަރުވީ އެވެ. މިއަދު ބާއްވާ ބައި-އިލެކްޝަނަކީ ދެ ކެންޑިޑޭޓުންގެ ވޯޓް އެއްވަރުވުމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސަކު ކަނޑައެޅުމަށް އީސީން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ އިންތިހާބެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް