އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާލެއްވުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން (ފޮޓޯ/ ނައުޝަމް ވަހީދު)
ހުރިހާ މެންބަރުން ވޯޓު ދޭންވީ ޖޯޝާއި ފޯރި މި ހުރި ދިމާއަށް: ނަޝީދު
އެމްޑީޕީއަށް ޖޯޝާއި ފޯރި ގެނެވުމުން ހިތްހަމަޖެހޭ ކަމަށާއި ހުރިހާ މެންބަރުންގެ ވޯޓުތައް ވެސް ޖޯޝާއި ފޯރި ގެނެވޭ ދިމާއަށް ދިނުމުން ޕާޓީއަށް ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ނަޝީދުގެ ކެމްޕެއިން ނިންމާލެއްވުމަށް މިރޭ ބޭއްވި ހިނގާލުމުގެ ތެރެއިން 'ސަންގުޓީވީ'އާ ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް އަނެއްކާވެސް ރަށްރަށުގައި ގިނަ އަދަދެއްގެ މީހުންނާ އެކު ހަރަކާތްތައް ބޭއްވޭ ކަމަށެވެ.
މި ހަރަކާތްތަކުގައި ރަށްރަށުގެ މަގުތައް ފުރިގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ކެމްޕެއިން ނިންމާލެވެނީ ވެސް މަގު ފުރާލައިގެން ބޭއްވޭ ހަރަކާތަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރަށްރަށުންނާއި މާލޭން ޖޯޝާއި ފޯރި ގެެނެވުނީ ނަޝީދުގެ ކެމްޕެއިނާ އެކީގައިކަން ފާހަގަކުރައްވައި އެ ދިމާއަށް ހުރިހާ މެންބަރުންގެ ވޯޓުތައް ވެސް ދިއުމުން ޕާޓީގެ ކުރިމަގު ރަނގަޅުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެމްޑީޕީ އަނެއްކާވެސް އަލުން އަނބުރާ ރާއްޖޭގެ ރަށްރަށުގެ މަގުތައް، މާލޭގެ މަގުތައް ވެސް ފުރާލެވޭކަން. ރަށުގެ ޖޯޝު ހުރި ގޮތް ހުރިހާ މެންބަރުންނަށް ވެސް ފެންނާނެ. ވަރަށް މުހިންމު އެ ދިމާއަށް ހުރިހާ މެންބަރުންގެ ވޯޓުތައް ދިއުން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ 'ރީނދޫ ލަޝްކަރުގެ' ސަފުތައް އަލުން ރުކުރުވާލެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މާދަމާ ބާއްވާ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ވަގުތުން މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ވަރުގަދައަށް ހިންގަވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަ މިރޭ ވެސް ކެމްޕެއިން ރެލީ ނިންމާލައްވަމުން ތަކުރާރު ކުރެއްވި އެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ މާދަމާ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30އާ ހަމައަށެވެ. އެ އިންތިހާބުގައި ތިން ބޭފުޅަކު ވާދަކުރެއްވިޔަސް، ނަޝީދުއާ ވާދަވެރިކަމެއް އޮތީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާ ދެމެދުގަ އެވެ.
ކޮމެންޓް