ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ތިކިތައް ހުރެގެން ވޯޓު ބާތިލްނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް، ވޭވަށު ގޮނޑި އެމްޑީޕީއަށް
ނިމިދިޔަ ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ވީކިހިނެއް؟ - ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ހިމެނޭ ގޮތަށް އެ އިންތިހާބުގެ ނަތީޖާއަކީ:
-
އެމްޑީޕީގެ ކެންޑިޑޭޓް އަހުސަނަށް 121 ވޯޓު
-
ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް 119 ވޯޓު
އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. އެއާ އެކު ނަތީޖާ ބަދަލުވަނީ:
-
ޕީއެންސީގެ ކެންޑިޑޭޓު ނަޒީހަށް 119 ވޯޓު
-
އެމްޑީޕީގެ ކެންޑިޑޭޓު އަހުސަނަށް 118 ވޯޓު
ހައި ކޯޓުން ކުރި މި ހުކުމް އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރެއްވީ ހައި ކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރީ:
-
ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަން ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ؛ ވޯޓު ކަރުދާސްކޮޅުގައި ހުރި ތިކިތައް ކަޅު ކުލައިން ހުރިއިރު ކަޅު ކުލައިގެ ގަލަމެއް ވެއްދި ކަމުގެ ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ
-
ހައި ކޯޓުން މައްސަލަ ނިންމުމުގައި ރިއާޔަތްކުރި ވޯޓު ކަރުދާހުގެ ފޮޓޯތަކަކީ ދެވަނަ ފަހަރު ވޯޓު ގުނިއިރު ނަގާފައިވާ ފޮޓޯތަކެއްކަން ފާހަގަކުރާއިރު އެ ފޮޓޯތަކަކީ އަސްލާ އެއްގޮތަށް ނަގާފައިވާ ފޮޓޯތަކެއް ކަން ކަށަވަރެއް ނުކުރޭ
-
އެ ވޯޓު ކަރުދާސްގައި ހިމެނޭ ކަޅު ތިކިތަކަކީ ވޯޓުލީ މީހުން ގަސްތުގައި ކުރަހާފައިވާ ތިކިތަކެއް ކަމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަޒީހުގެ ފަރާތުން ތުހުމަތުކުރި ނަމަވެސް އެ ކަމަށް ބާރުދެވޭ ހެއްކެއް ދައްކާފައެއް ނުވޭ
-
ތިކިތައް ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލްވާކަމަށް ކަނޑައަޅާނަމަ ކުރިއަށް އޮތް ތަނުގައި މުޅި އިންތިހާބީ ނިޒާމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމަކާއި ނޭދެވޭ އަސަރުތައް ކޮށްފާނެ ވަރުގެ ކަމެއް
ސުޕްރީމް ކޯޓުން ތިކިތައް ހުރި ވޯޓު ކަރުދާސްތައް ބާތިލްނުވާ ކަމަށް ކަނޑައެޅުމުން، ވޭވަށު ކައުންސިލްގެ ގޮނޑީގެ ކުރީގެ ނަތީޖާ އަލުން އިއާދަވެ އެމްޑީޕީއަށް މި ގޮނޑި ކާމިޔާބުވެ އެވެ.
މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ވެސް ލިބެނީ އެމްޑީޕީއަށެވެ. އެއީ ވޭވަށުގެ ކައުންސިލްގެ ރައީސްގެ ގޮނޑިއާއި މި ގޮނޑި ހިމެނޭ ގޮތުން، ވޭވަށު ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.
ކޮމެންޓް (1)
ތެފައާސާ.