ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ޔުނިވާސިޓީ އޮފް ބްރެޑްފޯޑް ފުޓްބޯލް ފޮ ޕީސް ސެންޓަރަށް ވަޑައިގެން، ޕެނަލްޓީއެއް ޖައްސަވަނީ.
ވޯލްޑް ކަޕު މެޗުތައް ދަންވަރާއި ފަތިހު ކުޅޭތީ ރައީސްއަށް މެޗުތައް ނުބެލިދާނެ ކަމުގެ ކަންބޮޑުވުން
"މިފަހަރު ވަރަށް އުނދަގޫ ގޮތަކަށް މިއޮތީ. ހެނދުނު ވެސް އެބައޮތް. އޮފީހަށް އަންނަ ގަޑީގައި ވެސް އެބައޮތް. ދަންވަރު ވެސް އެބައޮތް. ފަތިހު ވެސް އެބައޮތް."
މިރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026އާ މެދު ރައީސް މުހައްމަދު މުއިއްޒުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.
ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް މިރޭ ފަށާއިރު އެ މުބާރާތުގެ ފޯރި މަޑުމަޑުން ރާއްޖެއަށް ވެސް ވަނީ ފޯރާފަ އެވެ. މެޗު ބަލާ ތަންތަނުގައި ދިދަ ދަމައި ޖަރީކުރަމުން އަންނައިރު، ސަޕޯޓުކުރާ މީހުންނަށް ވިއްކާ ޖޯޒީތަކުން ސޯޝަލް މީޑިއާއަށް ވަނީ ބާރުބޮޑުވެފަ އެވެ.
އެ ފޯރިއާ އެއްވަރަށް މުބާރާތާ މެދު ބައެއް މީހުންގެ ކަންބޮޑުވުމެއް ވެސް އެބައޮތެވެ. އެއީ ރައީސް ވެސް ފިކުރު ބޮޑުވެވަޑައިގަތް ގޮތަށް، ރާއްޖެ ގަޑިން މެޗުތައް ކުޅޭ ގަޑި އެވެ.
"ދެން ވީ ވަރެއް ކުރާނީ. ބައެއް މެޗުތަކެއް ނުބެލޭނެ ގައިމު ވެސް،" ސަރުކާރު ޕްރޮމޯޓުކުރަން އުފައްދާފައިވާ ސޯޝަލް މީޑިއާ އެކައުންޓަކުން ގެނެސްދިން ވީޑިއޯއެއްގައި ރައީސް ވިދާޅުވި އެވެ.
މިފަހަރު ވޯލްޑް ކަޕުގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން ރޭގަނޑު 9 އާއި ހެނދުނު 9އާ ދެމެދު، އެކި ގަޑިތަކުގަ އެވެ. އެހެންކަމުން މި ފަހަރު ހުރިހާ މެޗުތައް ބެލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ވަޒީފާއަށް ދާ މީހުންނަށް އަދި އަމުދުން އުނދަގޫވާނެ ކަމެކެވެ. އެހެންވީމާ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސްއަށް ވެސް ހުރިހާ މެޗުތައް ބައްލަވަން ފަސޭހަފުޅެއް ނުވާނެ އެވެ.
އެ ވީޑިއޯގައި ރައީސްގެ އަރިހުގައި ހުންނެވި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ވޯލްޑް ކަޕާ ގުޅޭ ބައެއް ސުވާލުތައް އެމަނިކުފާނާ ކުރައްވާފަ އެވެ.
"ރައީސް ކޮބާ، ކޮން ބައެއްތޯ މޮޅުވާނީ؟" ރާފިއު ރައީސްގެ އަރިހުން އައްސަވަ އެވެ.
"މޮޅުވާނެ ބައެއް އެނގެންޏާ ދެން މި ކުޅޭނެ ވެސް ކަމެއް ނެތެއްނު ކުރީބައިގައި؟" ވޯލްޑް ކަޕުގެ މެއިން ސްޕޮންސަރެއް ހަދިޔާކުރި ބޯޅަތަކެއްގައި ސޮއިކުރައްވަމުން ސަމާސާ ގޮތަކަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އެންމެ ބޮޑަށް ސަޕޯޓުކުރައްވަނީ، އާޖެންޓީނާ އަށެވެ. އެއަށް ފަހު އިންގްލެންޑަށެވެ.
"އާޖެންޓީނާއަށް ނުލިބެންޏާ އިންގްލެންޑަށް ލިބުނީމަ ހުންނާނީ ރަނގަޅަށް،" ވޯލްޑް ކަޕްގެ ނަތީޖާއާ މެދު އުންމީދުކުރައްވާ ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އާޖެންޓީނާ އާއި އިންގްލެންޑު ކުރެ ޓީމެއް ތަށި ނަގާނެ ކަމުގެ އުންމީދުގައި ހުންނެވި ނަމަވެސް، ފްރާންސް ކަހަލަ ވަރުގަދަ ޓީމަކުން ނުވަތަ ހީނުކުރާ ޓީމަކުން ވެސް ތަށި ނަގާފާނެ ކަމަށެވެ.
"މިސާލަކަށް ހޮލެންޑު، ހަމަ ފަހަރެއްގައި ތަށި ނަގާފާނެ ކަންނޭނގެ. އެ ދެން ސަޕްރައިޒެކޭ މި ދެންނެވީ، ނޯމަލީ އެ ހިސާބަށް ގޮސްފައި ވެސް ނުލިބޭ ބައެއްތާ އެއީ،" ރައީސް ވިދާޅުވި އެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ރާފިއުއަށް ރައީސް އިލްތިމާސްކުރެއްވީ ވީހާ ވެސް ގިނަ ބަޔަކަށް ވޯލްޑް ކަޕް ބެލޭނެ އިންތިމާޒުތައް ހަމަޖެއްސެވުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އެއަށް ފަހު ދެން އޮންނާނީ ސައުތު ކޮރެއާ އާއި ޗެކު ރިޕަބްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.
ކޮމެންޓް