މީގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު. (ފޮޓޯ/ ކެމްޕޭން ޓީމް)
ނަޝީދަށް ތާއީދުކޮށްގެން ވަޒީފާއިން ކަނޑާ މީހުންނަށް ގާނޫނީ އެހީ ދެނީ
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ކަނޑަމުންދާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާ އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކެމްޕޭން ކުރައްވަން ނަޝީދުގެ އިތުރުން އެ މަނިކުފާނާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވެސް އަންނަނީ އެކި ރަށްރަށަށް ދަތުރުކުރައްވަމުންނެވެ.
ކެމްޕޭންގެ ތެރެއިން ނަޝީދުގެ އިސްތިގުބާލުގައި ބައިވެރިވާ އަދި އެ މަނިކުފާނާ ބައްދަލުކުރައްވާ ބައެއް މީހުން (ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން) ވަޒީފާއިން ސަސްޕެންޑުކޮށް، ވަކި ކުރުން ފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
އޭގެ ކުރިން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވި ބަޔަކު ވަޒީފާއިން ވަކިކުރި މައްސަލަތަކެއް ވެސް ތިލަވި އެވެ.
ތަފްސީލު - ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ނެރުނު ނޫސްބަޔާނުގައި، ނަޝީދަށް ތާއީދުކުރާ މީހުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާތީ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
"ސަރުކާރުން އެމްޑީޕީގެ އެތެރޭގެ މިި އިންތިހާބުގެ ތެރެއަށް ވަދެގަތުމުގެ ބޭނުމުގައްޔާއި އަދި އާންމުކޮށް ދިވެހި ރައްޔިތުންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހައްގުތަކަށް އަރައިގަނެ، ނިގުޅައިގަންނަމުންދާ ދިއުން ހުއްޓާލުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ވިޔަސް އަދި ސިވިލް ސާވިސްގެ މުވައްޒަފަކަށް ވިޔަސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ފަދަ ދައުލަތުގެ އެންމެ އިސް މަގާމުތައް ފުރުއްވައި، ގިނަ ގުނަ ހިދުމަތްތައް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ރައީސް ނަޝީދު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ކިޔައި ސަލާންގަލާން ކުރުމަށް ގިނަ ރައްޔިތުންތަކެއް ބޭނުންވާ ހިނދު، އެކަމަށް ހުރަސް އަޅައި، އެ ހައްގު އެ ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ.
"ރައީސް ނަޝީދު އިސްވެ ހުންނަވާ، ގާނޫނީ ފަރުވާ ހިމެނޭހެން އެ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވާނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވެ އެވެ.
"އަދި ނަހަމަ ފިޔަވަޅުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ކަންކަން މި ކެމްޕޭނުން ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ވެސް ދަންނަވަމެވެ."
ކޮމެންޓް