ފިހާރައެއްގައި ވިއްކަން އަޅުވާފައިވާ ދިވެހި ބައެއް އުފެއްދުންތައް. ރާއްޖޭގައި އުފައްދާ ތަކެތީގެ އިތުރުން އިމްޕޯޓު އަދި އެކްސްޕޯޓުކުރާ ކާބޯތަކެވި ބަންދުކޮށް ލޭބަލްކުރަން ޖެހޭނީ ވަކި މިންގަނޑަކަށް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގޯސްކޮށް މުދާ ލޭބަލްކުރާ ނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ

ކުށުގެ ސީރިއަސް ކަމަށް ބަލައި އެ ކުށް ކުރަނީ ފުރަތަމަ ފަހަރަށް ވިޔަސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވޭ
1 ގަޑިއިރު ކުރިން

ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލިފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން 'ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު' ގެޒެޓުކުރީ މިއަދު އެވެ.

އެ ގަވާއިދުގެ މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި މިންގަނޑުތަކެއް ކަނޑައެޅުމާ އެކު އެ ގަވާއިދަށް އަމަލުނުކުރާ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމެވެ.

ތަފްސީލު - އެ ގަވާއިދުގައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އިތުރުން އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ލޭބަލްކުރަން ޖެހޭ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.

ލޭބަލް ނުކޮށް އަދި އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.

އޭގެ އިތުރުން، ކާބޯތަކެތި ބަންދުކުރަން ޖެހޭ މިންގަނޑު ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

  • ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ފުޑް ގްރޭޑަޑް މެޓީރިއަލްއަކުން

  • ބަންދުކުރަން ބޭނުންކުރާ މެޓީރިއަލްއަކީ އޭގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެދާނެ އަދި އޭގެ ސަބަބުން ބަންދުކޮށްފައިވާ ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް ކޮށްފާނެ އެއްޗަކަށް ނުވުން

  • ކާބޯތަކެތި އަޅަން ހާއްސަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލަން ހަދާފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅި، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ މަނާކަމެއް

މި ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ހިމެނެ އެވެ. އެގޮތުން:

  • އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10،000ރ. އާއި 750،000ރ.އާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފަހައްޓައި ރަޖިސްޓްރީ ނުވަތަ ލައިސެންސް ބާތިލުކުރެވޭނެ

  • ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެ؛ ފަސް ފަހަރު ނުވަތަ އެއަށް ވުރެ އިތުރަށް ތަކުރާރުކޮށްފި ނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހުތިޔާރު ވެސް އެމްއެފްޑީއޭއަށް ވަނީ ދީފައި

  • ކާބޯތަކެތި ބަންދުކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 5،000ރ. އާއި 100،000ރ.އާ ދެމެދުން ޖޫރިމަނާ ކުރެވޭނެ

ޖޫރިމަނާ ކުރެވޭނެ އެންމެ ދަށް އަދި އެންމެ މަތީ އަދަދުތަކެއް ބަޔާންކޮށްފައިވީ ނަމަވެސް، ކުށުގެ ސީރިއަސް ކަމަށް ބެލުމަށް ފަހު ކުށް ކުރާ ފުރަތަމަ ފަހަރު ވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް އޮންނާނެ އެވެ.

އޭގެ އިތުރުން، އެ ގަވާއިދުގައި މަނާކުރާ ކަމެއް ކޮށް، އެ ކަމަކީ ގާނޫނުލްއުގޫބާތު ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލާނެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު އެމްއެފްޑީއޭއިން ކުރިން ޝާއިއުކޮށްފައިވާ 'ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު' އުވުނީ އެވެ.

އޭގެ އިތުރުން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް، ލޭބަލްކޮށްފައިވާ ކާބޯތަކެތި މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ފައްތަން ހަ މަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް