މާލޭ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މާލެ ކައުންސިލް)
މިނިސްޓަރު މުއްތޮލިބު މާލޭ ކައުންސިލަށް ފިއްލަވައިގެން އުޅޭ ކަމަށް ބުނެ ކައުންސިލަރުން މިނިސްޓްރީއަށް
ހައުސިން އަދި އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މާލޭ ސިޓީ ސިޓީ ކައުންސިލަށް "ފިއްލަވައިގެން" އުޅޭ ކަމަށް ބުނެ، މާލެ ކައުންސިލަރުން މިނިސްޓަރާ ބައްދަލުކުރަން އެ މިނިސްޓްރީއަށް ދާން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިނިސްޓަރު މުއްތޮލިބާ ބައްދަލުކުރަން ބޭނުންވަނީ، މާލޭ ސަރަހައްދުގެ ތަރައްގީގެ ކަންކަމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރަން އަދި ބައެއް ކަންކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ހުރުމުން، އެކަންތައްތަކުގައި އެންމެ އިސްކޮށް އުޅެނީ އިންފްރާންސްޓްރަކްޗާ މިނިސްޓްރީ ކަމަށްވާތީ ކަމަށެވެ.
ބުނީ ކީކޭ؟ - އެ މަޝްވަރާތަކަށް މިނިސްޓަރު މުއްތޮލިބާ ބައްދަލުކުރަން އެދިގެން އުޅޭތާ ދެ އަހަރު ވެފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އެކަމަށް އެދި އެކި ފަހަރުމަތިން ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބުދީފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސިޓީ ވެސް ފޮނުވައިފިން އެ ބޭފުޅާއާ ބައްދަލުކުރަން. އެ ބޭފުޅާ އަޅުގަނޑާ ފިއްލަވައިގެން އުޅޭހެން އަޅުގަނޑަށް ހީވަނީ. އެހެން ނޫނީ އަޅުގަނޑާ ބައްދަލުނުކުރަންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެއީ މާލެ ސިޓީ ތަރައްގީވެގެންދާއިރު މާލެ ސިޓީ ކައުންސިލުގައި މި ހުރިހާ މައްސަލަތަކުގެ ވާހަކަ މިދެކެވެނީ. އެހެންވީމާ މާލެ ސިޓީ އާއި ސަރުކާރާ ވެސް ގުޅިގެންހެން އަޅުގަނޑަށް ހީވަނީ ކަންތައްތައް ހައްލުކުރެވިގެންދާނީ. ނަމަވެސް އަޅުގަނޑު ހަމަ އުޅެއުޅެ އެ ބޭފުޅާ އަޅުގަނޑަކާ ބައްދަލެއް ނުކުރި. ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ. އެ ބޭފުޅާ އަޅުގަނޑާ ކޮންމެ ގޮތެއް ވިޔަސް ބައްދަލުކުރަންޖެހޭނެ. މާލޭ ކައުންސިލަށް އިންތިހާބުކޮށްފައިހުރި މޭޔަރު އަޅުގަނޑު މިއީ."
އާޒިމް ވިދާޅުވި ގޮތުން:
-
ވިލިމާލެ އާއި މާލެ ގުޅާލައި ބްރިޖާ އެކު ދުއްވާ އެއްޗެހި ވިލިމާލޭގައި ގިނަވެގެންދާނެތީ، އެތަނުގައި ކޮންމެހެން ވެސް ޕާކު ކުރެވޭނެ ޖާގަ ހަދަންޖެހޭ
-
ބްރިޖު އަޅާ ނިމުމުގެ ކުރިން ޕާކިން ބިލްޑިންއެއް ހުރުން މުހިންމު؛ އެހެން ނޫނީ ބްރިޖު އެޅުމުގެ ބޭނުމެއް ނެތް
-
އެކަމަށް އެންމެ ފަސޭހަ ގޮތަކީ ބްރިޖުން ފައިބާ ތަނުގައި ޕާކިން ބިލްޑިންއެއް އަޅައި ވަށާދެވޭނެ ގޮތްތަކެއް އިންތިޒާމުކުރުން
-
ރައްޔިތުން ކަންކަމުގައި އިންތިހާބުގައި ކޮށްފައި ތިބި މީހުންނާއި މަޝްވަރާ ނުކޮށެއް ރައްޔިތުންގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެ
-
ގާނޫނު ބުނަނީ، ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރާކަށް ނޫން. ގާނޫނު ބުނަނީ ކައުންސިލާ މަޝްވަރާކޮށް، ލަފާ ހޯދައިގެން ކަންކަން ކުރަން. އެކަމަކު މަޝްވަރާނުކޮށް، ގަދަބާރުން ކަންކަން ކުރަން އުޅޭހެން ހީވަނީ
"މިކަމާ ވެސް މަޝްވަރާކުރަން އުޅެއުޅެ މިނިސްޓަރު [މުއްތޮލިބު] އަޅުގަނޑާ ބައްދަލެއްނުކުރި. ވަރަށް ޒިންމާދާރު ކުޑަ މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ މި މިނިސްޓަރު މުއްތޮލިބަކީ. މިހާރު ދެ އަހަރު ވެގެން މި އުޅެނީ އެ ބޭފުޅާއާ ބައްދަލުނުވެގެން އުޅޭތާ. މި ކައުންސިލު އައި ފަހުން ވެސް އަޅުގަނޑު ސިޓީ ފޮނުވައިފިން މަޝްވަރާ ބައްދަލުވުމަކަށް. ނަމަވެސް އަދިވެސް އެެއްވެސް ސިޓީއަކަށް ޖަވާބެއް ނުދެއްވާ،" އާޒިމް ވިދާޅުވި އެވެ.
"މަޖިލީހަށް ގެންދާ ދުވަހަކު ވެއްޖެއްޔާ އަޅުގަނޑުމެންނާ ދިމާލަށް އެއްޗެހި ކިޔާފައި ވަޑައިގަންނަވަނީ. އެކަމަކު އެ ބޭފުޅާއަށް ނޭނގޭ ކަންކަން ގޮސްފައި ހުންނަ ހިސާބު ވެސް. ނޭނގި ވާހަކަދައްކަވަމުން ގެންދަވަނީ. އެހާ ވެސް ވިޔާނުދާކޮށް ކަންކަން ކުރާ ބޭފުޅެއްގެ ގޮތަށް މިނިސްޓަރު މުއްތޮލިބު ފާހަގަކުރެވެނީ."
އާޒިމް އެދިވަޑައިގަތީ، މާލޭގެ ކަންކަން ކައުންސިލާ މަޝްވަރާކޮށްގެން ކައުންސިލަރުންގެ ވެސް ހިޔާލާއި މަޝްވަރާ ހޯދައިގެން ކަންކަން ކުރުމަށެވެ. އެކަމަށްޓަކައި އާޒިމްއާ އެކު މަޝްވަރާ ބައްދަލުވެއް ބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.
ކައުންސިލު ރަސްމީ ޖަލްސާގައި މިއަދު އެ ވާހަކަ ދެެއްކެވީ ވެސް ބައްދަލުނުކޮށްގެން، އެ މެސެޖު ދެން ދެވެން އޮތް ގޮތަކީ އެފަދަ ގޮތަކަށް ކަމަށްވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ މި ކަންބޮޑުވުންތަކާ އެކު، ބައެއް ކައުންސިލަރުން ބޭނުންވީ، މިނިސްޓަރު މުއްތޮލިބަށް ކައުންސިލަށް ވަޑައިގަތުމަށް އުނދަގޫވަނީހެން ހީވާތީ، ހުރިހާ ކައުންސިލަރުން މުއްތޮލިބާ ބައްދަލުކުރަން އެ މިނިސްޓްރީއަށް ދިއުމަށެވެ.
"ތި މިނިސްޓަރު ބައްދަލުނުކުރާ މައްސަލަ ތިއީ ވަރަށް ސީރިއަސް މައްސަލައެއް. ރައްޔިތުންނަށް ހިދުމަތްކުރަން ރައްޔިތުންގެ ހާދިމުންގެ ގޮތުގައި އައްޔަންކޮށްފައި ތިބޭ ބޮޑެތި ފިރިހެނުން ދެން އެހެން އުޅުނީމާ މިއީ ލަތުހުތުރު ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ތިހާ ދުވަސްވެފައި ތިކަން އޮތިއްޔާ އަޅުގަނޑަށް ފެނޭ މިއަދު މީޓިން ނިންމާލާފައި މިނިސްޓަރާ ބައްދަލުކުރަން ދާން،" ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ގާލިބު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް މިތިބީ ރައްޔިތުންގެ ޒިންމާތަކެއް މަތިކޮށްފައި އައްޔަންކޮށްފައި. އެހެންވީމާ ބައިވަރު ޒިންމާތަކެއް، މަސްއޫލިއްޔަތުތަކެއް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި މި އޮންނަނީ. އެހެންވީމާ، ސިޓީ ކައުންސިލް ބޮލުގައި ކަންކަން އަޅުވާފައި އެހެން ފިއްލަވާފައި އުޅޭ ކަމަށް ވެއްޖެއްޔާ އަޅުގަނޑަކަށް ނުފެނޭ އެ ފުރުސަތު ދޭކަށް."
އެކަމަށް ވެރިކަންކުރާ ޕީއެންސީގެ ވިލިމާލެ ކައުންސިލަރު އިބްރާހިމް ސަމާހު ވެސް އެއްބާރުލުންދެއްވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމުގައި މަޝްވަރާކުރުމަކީ މުހިންމު ކަމަަކަށްވާތީ، މިނިސްޓަރާ ބައްދަލުކުރަން ދާން އޭނާ ވެސް ތައްޔާރު ކަމަށެވެ. އެކަމަކު މިނިސްޓްރީއަށް ގޮސް މަސްލަހަތު ނުގެއްލޭ ގޮތަށް ކަންކަން ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
އެހެންވެ، ހުރިހާ ކައުންސިލަރުން ނިންމީ ކައުންސިލް ޖަލްސާ ނިންމާލުމަށް ފަހު މިއަދު އެ މިނސްޓްރީއަށް ދާށެވެ.
ކޮމެންޓް