19 އޭޕްރީލް 2026: ބޯޑު ބަދަލުގާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އާއި ފައްޔާޒް ބޭއްވި ނޫސްވެރިންގެ ބަދަލުވުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އާއިލާތައް ބިކަކޮށްގެން އިތުރުވާނެ ތާއީދެއް ނެތް؛ މި ސަރުކާރު ބަލިކުރާނަން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ އިންތިހާބަކުން ބަލިވެގެން، ބަދަލު ހިފުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުން ފަދަ ކަންކަން ކުރާނީ ތާއީދު ގެއްލި، ގޮތް ހުސްވުމުން
1 ގަޑިއިރު ކުރިން

ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އަދި ހައްގުތަކަށް ވަކާލާތުކުރާ ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށް، އެއީ ތާއީދު އިތުރުވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭންގައި އުޅުނު ސަރުކާރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ބުނީ ކީކޭ؟ - ފައްޔާޒު 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ އަމަލުތަކަކީ ސަރުކާރަށް ތާއީދު އިތުރުވާނެ ކަމެއް ނޫން ކަމަށެވެ.

"ޑީމޮކްރެސީ ގަބޫލުނުކުރާ [ރައީސް] މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" ފައްޔާޒު ވިދާޅުވި އެވެ.

ތަފްސީލު - ފައްޔާޒު ވިދާޅުވި ގޮތުގައި އިންތިހާބަކުން ބަލިވެގެން ބަދަލު ހިފުމުގެ ގޮތުން މިފަދަ ކަންކަން ކުރާނީ ތާއީދު ގެއްލި، ގޮތް ހުސްވުމުންނެވެ.

"ދައުލަތުގެ ކުންފުނިތައް [ރައީސް] މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް، އާއިލާތަކެއް ނިކަމެތިކޮށްގެން ތާއީދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން."

އެ ޕޯސްޓުގައި ފައްޔާޒު ވަނީ ވެމްކޯއިން ކަނޑާލި ދެ މުވައްޒަފުންނާއި ސްޓެލްކޯއިން ކަނޑާލި މުވައްޒަފަކަށް ފޮނުވި ޗިޓު ވެސް ހިއްސާކުރައްވާފަ އެވެ.

ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު ސޮއިކުރައްވައި ފޮނުއްވި ދެ ޗިޓުގައި ވެސް ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ހަވާލާދީފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ އެވެ.

އެ މާއްދާގައި އޮންނަނީ "ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ މަސައްކަތުގެ އަހުލާގު އެކަށީގެން ނުވުމާ އެކު އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައި" ކަމަށެވެ.

އެ މާއްދާގައި މަސައްކަތުގެ އަހުލާގު އެކަށީގެންވާ ނުވާ ކަމަށް ބެލެވޭނެ ހާލަތްތަކުގެ ގޮތުގައި ބުނެފައިވާ ދެ ހާލަތަކީ:

  • 1-

    ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން

  • 2-

    ހިޔާނާތެއް ވެފައިވުން

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަރުހާދު ސޮއިކުރައްވައި، އެ ކުންފުނިން ވަކިކުރި މުވައްޒަފަށް ފޮނުއްވި ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ބުނެފައިވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށާއި ހަރަދު ކުޑަކުރަން އެ ކުންފުނީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން ކަމަށެވެ.

އެ ނިންމުމަށް ބާރުދިނުމުގެ ގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މީގެ ކުރިން ކޮށްފައިވާ އިއުލާނަކަށް ވެސް ހަވާލާދީފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް