އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ކެމްޕޭންގައި މަރަދޫ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން. (އެކްސް ފޮޓޯ)
2028އަށް އެމްޑީޕީ އެކުގައި ގެންދެވޭނީ މީކާއިލްއަށް: ސޯލިހު
ރިޔާސީ އިންތިހާބު 2023ގެ ނަތީޖާ ތަކުރާރު ނުވާނީ އެމްޑީޕީ އެކުގައި 2028ގެ ރިޔާސީ އިންތިހާބަށް ގޮސްގެން ކަމަށާއި އެކަން ކުރެވޭނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި މިއަދު ހަވީރު އައްޑޫ މަރަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ސޯލިހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީ ބައިބައި ނުވެ، އެކުގައި މަސައްކަތް ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - އޭގެ މުހިންމުކަން ފާހަގަކުރައްވަން ސޯލިހު އިޝާރާތްކުރެއްވީ 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އެވެ.
ކެމްޕޭނަށް ނުކުތްއިރު ވެސް އެމްޑީޕީ ބައިބައިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ވަފާތެރި އާންމު މެމްބަރުން އެމްޑީޕީއިން ވަކިވެ، އެހެން ޕާޓީއެއް އުފެއްދުމާއި އެމްޑީޕީއާ އެކުގައި މަސައްކަތް ކުރާ ނަމަ، ފުރިހަމަ ކުރަންޖެހޭ އުނދަގޫ ޝަރުތުތަކެއް ދިނުމަކީ، ސޯލިހު ވިދާޅުވި ގޮތުގައި، ދިމާވި ބޮޑު ގޮންޖެހުމެކެވެ.
އެ ޝަރުތުތަކުގެ ތެރެއިން ސޯލިހު ފާހަގަކުރެއްވި ބައެއް ޝަރުތުތަކަކީ:
-
ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން އިއުލާންކުރުން
-
ރައީސްކަމުގެ ހުވާކުރުމުގެ ކުރިން އެ ވޯޓު ނެގުން
-
ކެބިނެޓުން ތިން ވަޒީރަކު ވަކިކުރުން (އޭގެ ތެރޭގައި ނަޝީދުގެ ކެމްޕޭންގައި މިހާރު އުޅުއްވާ، ސޯލިހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހިމެނޭ)
އެކަން އެހެން ދިމާވި ނަމަވެސް، ސޯލިހުގެ ވިސްނުންފުޅުގައި އިންތިހާބު ގެއްލުނު އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ބުރުން އެމްޑީޕީ ފެއިލްވުމެވެ. އެއީ ކެމްޕޭން ނުކުރެވިގެން ނުވަތަ އިދިކޮޅުން ދެއްކި ދޮގު ވާހަކަތަކަށް ރައްދު ނުދެވިގެންނެވެ.
"ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރު ވަގަށް ނެގީއޭ، ކަނޑު ވިއްކާލީއޭ، އަދި މިތަނުގައި މިއޮތް ޕޮލިސް ޓްރެއިނިން ސެންޓަރުގެ ބިންގަރާހުގައި އެބަތިއްބޭ 2،000 އިންޑިއާ ސިފައިން. މުޅި ރާއްޖޭގައި އިންޑިއާ ސިފައިން ދުވަނީއޭ. ކެމްޕޭނެއް ތެރޭގައި ބޭފުޅަކު ވިދާޅުވީ ތިމަންނަ ހަނިމާދޫއަށް ދިޔައިރު މަގުމަތިން ވެސް ފެންނަނީ އިންޑިއާ ސިފައިންނޭ،" 2023ގެ ރިޔާސީ ކެމްޕޭންގައި އިދިކޮޅުން ފެތުރި ދޮގު ވާހަކަތަކަށް އިޝާރާތްކޮށް، ސޯލިހު ވިދާޅުވި އެވެ.
"މިއަށް އަޅުގަނޑުމެންނަށް ޖަވާބެއް ނުދެވުނު."
ތަފްސީލު - އޭގެ އިތުރަށް އިންތިހާބުގެ ކުރިން، 'ނަޝީދުގެ ސަޕޯޓަރުންނަށް ވާތީ' އެމްޑީޕީއިން 39،000 މެމްބަރުން ވަކިކުރި ކަމަށް ބުނާ ވާހަކަތަކަކީ ވެސް ސޯލިހު ވިދާޅުވާ ގޮތުގައި ދޮގެއްކަން މިއަދު އެނގޭނެ އެވެ.
ސޯލިހު ވިދާޅުވީ އެކަމުގައި ފެއިލްވީ ވަކި މީހެކޭ ވިދާޅުނުވާނެ ކަމަށާއި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އޭރު މުޅި ސަރުކާރަށް ވެސް އެކަމަށް ޖަވާބު ނުދެވުނު ކަމަށެވެ.
"ހަމަ ގައިމު ވެސް އޭގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު. އެއަކާ އަޅުގަނޑު ދެކޮޅެއް ނުހަދަން. ނާކާމިޔާބުގައި ކޮންމެހެން އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ރެކޭކަށް ނޫޅެން،" ސޯލިހު ވިދާޅުވި އެވެ.
އެ ތަޖުރިބާގައި ސޯލިހު އެދިވަޑައިގަތީ ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް އަޑުއަހައި، އެ ވާހަކަތަކުގެ ތެދާއި ދޮގު ޔަގީންކުރުމަށެވެ. އަދި ކޮންމެ މީހަކު ވެސް ތާއީދުކުރާ ކެންޑިޑޭޓަކު ހުންނާނެ ކަމަށާއި ނަމަވެސް ތާއީދު ހޯދުމުގައި ވެސް ވާހަކަ ދައްކަން އެކަށީގެންވާ ވަކި ހިސާބެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ 2023 ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް 2028 އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެން އެކީގައި ކުރިއަށް ދެވޭނެ އުސޫލުތަކަކާ އެކީގައި އަޅުގަނޑުމެން ދާން ޖެހޭނީ،" ސޯލިހު ވިދާޅުވި އެވެ.
"ޕާޓީ އެތެރޭގައި ވެސް މީހަކު ބާކީ ކުރެވިގެން ނުވާނެ. އަދި އަޅުގަނޑުމެންނަށް ތާއީދުކުރާ އެހެން މީހުން ވެސް އަޅުގަނޑުމެންނާ އޮންބޯޑު ކުރެވޭނެ ސިޔާސަތުތަކެއް ގެންގުޅޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވަގުތު އެކަން ކުރެވޭނެ ބޭފުޅަކީ މީކާއިލް ނަސީމް."
ކޮމެންޓް