ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ވޯޓުލާ ކިޔޫ ބަންދުކުރުން. (ދައުރު ފޮޓޯ)
ހިތަދޫ އުތުރު ބައި-އިލެކްޝަން: މާލެ ފޮށިތައް ބަންދުކޮށްފި؛ ވޯޓު ގުނަން ތައްޔާރުވަނީ
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި މާލޭގެ ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ:
-
ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)
-
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
ތަފްސީލް - ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަަނަށް ވޯޓުލާން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 8 ޖަހާއިރުން ފެށިގެން ހަވީރު 4 ޖަހަންދެނެވެ.
ނަމަވެސް ފަހުން ވޯޓުލާ ވަގުތު 5އަށް ވަނީ އިތުރުކޮށްފަ އެވެ.
ހަވީރު 4އާ ހަމައަށް ބައި އިލެކްޝަންގައި ވޯޓުލާފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާމީހުްނގެ ތެރެއިން 2،563 މީހުންނެވެ. އެއީ ނިސްބަތުން ބަލާއިރު %62.19 އެވެ.
ވަގުތު އިތުރުކުރި ފަހުން ވޯޓުލީ މީހުންގެ އަދަދު އިލެކްޝަންސްއިން އަދި ނުބުނެ އެވެ.
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.
ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.
ސައީދަށް ޓިކެޓު ލިބުނީ ޕްރައިމަރީއަށް ފަހު ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއަށް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީން އެގޮތަށް ނިންމުމުންނެވެ.
ކޮމެންޓް