ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ (ދައުރު ފޮޓޯ)
ހިތަދޫ އުތުރު ބައި-އިލެކްޝަން: %62 ވޯޓު ލައިފި؛ ވޯޓުލާން އިތުރު 1 ގަޑިއިރު ދީފި
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގެ ވޯޓު ލުމަށް ހަވީރު 5 ޖަހަންދެން ވަގުތު އިތުރުކޮށްދީފި އެވެ.
ވީކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ:
-
ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)
-
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
ތަފްސީލް - ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަަނަށް ވޯޓުލާން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 8 ޖަހާއިރުން ފެށިގެން ހަވީރު 4 ޖަހަންދެނެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ހަވީރު 5 ޖަހަންދެން ކިއޫއަށް އަރާ މީހުންނަށް ވޯޓުލެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އީސީން މިހާތަނަށް އާންމުކޮށްފައިވާ ގޮތުގައި ހަވީރު 4 ޖެހިއިރު ވޯޓުލާފައިވަނީ %62.19 މީހުންނެވެ. އެ ގޮތުން:
-
2،563 މީހުން ވޯޓު ދިން އިރު، އަދި ވޯޓުނުލާ 1،558 މީހުން އެބަތިބި
-
ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިގެންވޭ
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.
ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.
ސައީދަށް ޓިކެޓު ލިބުނީ ޕްރައިމަރީއަށް ފަހު ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއަށް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީން އެގޮތަށް ނިންމުމުންނެވެ.
ކޮމެންޓް