ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނާއެކު ފައްޔާޒު އިސްމާއިލް (ފޮޓޯ/ހުސެއިން ޝަފީއު)
އެމްޑީޕީ މި ވަގުތު ވަރުގަދަ ވާން އޮތީ ގިނަ ދިވެހިން ބަލައިގަންނަ ލީޑަރަކާ އެކު: ފައްޔާޒު
އެމްޑީޕީ މި ވަގުތު ވަރުގަދަ ވާން އޮތީ ގިނަ ދިވެހިން ބަލައިގަންނަ ލީޑަރަކު އެ ޕާޓީގެ ޗެއާޕާސަން ކަމުގައި ހުންނަވައިގެން ކަމަށް، އެންމެ ފަހުން އެމްޑީޕީގެ ދާއިމީ ޗެއާޕާސަނަކަށް ހުންނެވި ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ފައްޔާޒު ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ފައްޔާޒުގެ ފެކްޝަނުން ކެމްޕެއިންކުރަނީ ނަޝީދަށެވެ. ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކާއި ދަތުރުތަކުގައި، ނަޝީދުގެ އެންމެ އަރިހުގައި ހުންނަވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަދި ނަޝީދު ވެސް އެކަމަށް ތާއީދުކުރައްވާފައިވާ ފައްޔާޒެވެ.
މީކާއިލްއަށް ތާއީދުކުރައްވާ އަދި ކެމްޕެއިން ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނެވެ.
ތަފްސީލް - ހުޅުމާލޭގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ފައްޔާޒު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ހިނގި ކަންތައްތަކުގެ ސަބަބުން ހިތުގައި ޖެހިގެން އިހުސާސްތަކެއްގެ ތެރޭގައި އުޅެނީ ވަރަށް މަދު މެންބަރުންތަކެއް ކަމަށެވެ.
ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކުރެވޭނީ ޕާޓީ ވަރުގަދަވެގެންކަން ޕާޓީގެ ގިނަ އާންމު މެންބަރުންގެ ބުއްދިއަށް ވިސްނޭ ތަން، ކެމްޕެއިން ދަތުރުތަކުން ފެނިވަޑައިގަތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ އިޝާރާތްކުރެއްވި ކަމަކީ، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ޖެހުނު މައްސަލަތަކުގައި ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމުން، ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުން ނަޝީދުގެ އިސްތަށިފުޅުގައި އަދިވެސް ޕާޓީގެ ބައެއް އިސް ބޭފުޅުން އަޅުވާތީ އެ ކަމަށެވެ.
އާންމު މެންބަރުންނަށް ވެސް ވިސްނޭ ކަމަކީ ރާއްޖެ މި ވަގުތު އޮތް ހާލަތާއި އެމްޑީޕީ އޮތް ހާލަތުގައި ވެސް ޕާޓީ ހިންގޭނީ ގިނަ ރައްޔިތުން ބަލައިގެންފައިވާ ލީޑަރަކަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ނަޝީދަކީ އެފަދަ ލީޑަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އުޅެނީ މި ޕާޓީގައި ވަރުގަދަ މީހުން މަދުވެގެނެއް ނޫން. އެކަމަކު މި ހާލަތުގައި ޕާޓީ ހިންގަން ބޭނުންވަނީ އެ މަަސައްކަތަކަށް ވަރަށް ހާއްސަ ލީޑަރެއް. ރައީސް މުހައްމަދު ނަޝީދަކީ ދިވެހިންގެ ގިނަ މީހުން ބަލައިގަންނަ ލީޑަރެއް. ރައީސް ނަޝީދު ވިދާޅުވާ ބަހެއް، ގިނަ މީހުން މިއަދު ވެސް ބަލައިގަނޭ،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު ފިޔަވައި އެމްޑީޕީ މި ވަގުތު ހިންގޭނެ އެހެން ލީޑަރެއް ނެތް ކަމަށް ވެސް، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ، މި ވަގުތަކު، މި ހާލަތަކު، އަޅުގަނޑުމެންގެ މި ޕާޓީ ގޮވައިގެން ދެވޭނެ އިތުރު ބޭފުޅެއް، ރައީސް ނަޝީދު ނޫނީ. އެކަން އެމްޑީޕީގެ މެންބަރުން ގަބޫލުކުރާކަން އަޅުގަނޑު މި ކުރި ދަތުރުތަކުން މާ ބޮޑަށް ސާފުވެއްޖެ،" ފައްޔާޒު ވިދާޅުވި އެވެ.
ކޮމެންޓް