އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ފޮށިތައް މަރުކަޒަށް ގެންދަނީ -- (ފޮޓޯ/ އަދަދު)
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ވޯޓު ލުން މިއަދު ފަށައިފި އެވެ.
ވީކިިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ:
-
ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)
-
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
ތަފްސީލް - އިލެކްޝަންްސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު 'ދައުރު'އަށް ވިދާޅުވީ ހެނދުނު 8 ޖެހިއިރު، މި ބައި-އިލެކްޝަންގައި ވޯޓުލުމަށް ހަމަޖެހިފައިވާ ހަތް ފޮށީގައި ވެސް ވޯޓުލުން ފެށިފައިވާ ކަމަށެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެނެވެ.
ޖުމްލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ މި އިންތިހާބުގައި ވޯޓު ލުމަށް ފޮށި ބަހައްޓާފައިވަނީ:
-
މާލޭގެ ދަރުމަވަންތަ ސްކޫލުގައި ދެ ފޮށި
-
އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮށި
ފާހަގަކޮށްލެވޭ - އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ.
ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.
ސައީދަށް ޓިކެޓު ލިބުނީ ޕްރައިމަރީއަށް ފަހު ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއަށް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީން އެގޮތަށް ނިންމުމުންނެވެ.
ކޮމެންޓް