ވ. އަތޮޅު ކައުންސިލާއެކު ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އޭރު އަތޮޅު ކައުންސިލުގެ ރައީސްކަން ކުރެއްވި ޝުޖާއު (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެލްޖީއޭ

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ސަސްޕެންޑުކޮށްފި

އެލްޖީއޭގެ ބޯޑުން ޝުޖާއުގެ ގޮނޑިއާ މެދު ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލު ރައީސްގެ މަސްއޫލިއްޔަތުތަކުން އޭނާ އެއްކިބާކުރުމާ އެކު ކައުންސިލް އިދާރާއަށް ނުނުކުތުމަށް އަންގާފައިވޭ
1 ގަޑިއިރު ކުރިން

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށް ވ. ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ޝުޖާއު އަލީ އެ މަގާމަށް އިންތިހާބުވި ފަހުން އިދިކޮޅު އެމްޑީޕީއަށް ބަދަލުވި ކަމަށް ބުނެ، ކައުންސިލަރުކަމުން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ގުޅިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ މިދިޔަ ބުދަ ދުވަހު ވަނީ އުވާލާފަ އެވެ. 

ނަޝީދުގެ އިތުރުން ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުންހެން އެމްޑީޕީއާ ގުޅުނު ފަހުން ވެސް ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވަރަށް މަދު ގޮނޑިތަކަކަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ކާމިޔާބު ލިބުނީ ވ. އަތޮޅު ކައުންސިލް ރައީސްކަން މީގެ ކުރިން ކުރެއްވި ޝުޖާއު ވާދަކުރެއްވި އެ އަތޮޅު ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިންނެވެ.

ތަފްސީލް - ކައުންސިލް ރައީސްގެ މަސްއޫލިއްޔަތުތަކުން ޝުޖާއު އެކަހެރިކުރަން އަންގާފައިވަނީ، ލޯކަަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އިއްޔެ އެ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި އަންގާފައިވަނީ:

  • އެލްޖީއޭގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލު ރައީސްގެ މަސްއޫލިއްޔަތުތަކުން ޝުޖާއު އެއްކިބާކުރުމާ އެކު ކައުންސިލް އިދާރާއަށް ނުނުކުތުމަށް އަންގަން 

  • ކައުންސިލު ރައީސްގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ސަމީރު ހަވާލުވުމަށް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާނެ އެވެ.

އެލްޖީއޭން ބުނި ގޮތުގައި، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ޝުޖާއު އެ މަގާމަށް އިންތިހާބުވުމަށް ފަހު، އާ ކައުންސިލުގެ ދައުރު ފެށުނު ފަހުން މިދިޔަ މަހުގެ 19ގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދަފްތަރުވެފައިވާ ކަމަށެވެ. އެކަން އެ އޮތޯރިޓީއަށް އަންގާފައިވަނީ އީސީން ކަމަށް ވެސް ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ކައުންސިލުތަކަށް ހޮވުނު ބައެއް ކައުންސިލަރުން ވެރިކަންކުރާ ޕީއެންސީއަށް ވެސް ބަދަލުވެފައިވެ އެވެ. އެކަމަކު މިއިން ކައުންސިލަރަކަށް މިހާތަނަށް ފިޔަވަޅު އަޅާފައެއްނުވެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް