ޓްރީޓޮޕް ހޮސްޕިޓަލްގެ އައިވީއެފް ސެންޓަރު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޓްރީ ޓޮޕް ފާޓިލިޓީ ސެންޓަރަށް 3 އަހަރު: ދަރިމައިވުމާ ގުޅޭ ގޮތުން ހިލޭ ލަފާދޭ ކެމްޕޭނެއް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ދަރިމައިވުމާ ގުޅޭ ގޮތުން ހިލޭ ލަފާދޭ ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ކެމްޕޭނުގެ މަގުސަދަކީ ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި މައްސަލައެއް އުޅޭ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރު ދިނުމެވެ.
މި ކެމްޕޭނުގެ ދަށުން، މި މަހުގެ 13 އިން 17އާ ދެމެދު ފާޓިލިޓީ ސްޕެޝަލިސްޓަކަށް ހިލޭ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލާނެ އެވެ.
މި ކެމްޕޭނުގެ ދަށުން ޖުމްލަ 130 މީހަކަށް ފުރުސަތު ދޭނެ އެވެ. މި ހިދުމަތުގެ ތެރޭގައި ހިމެނެނީ:
-
ފުރަތަމަ ކޮންސަލްޓޭޝަނާއި އެއާ ގުޅޭ ފޮލޯ-އަޕް އެޕޮއިންޓްމަންޓް އެކަނި
-
ޑޮކްޓަރު އިރުޝާދު ދެއްވާ އިތުރު ޓެސްޓުތައް، ސްކޭން، ބޭސް އަދި އެހެނިހެން ޕްރޮސީޖާތަކަށް ހޮސްޕިޓަލުގެ އާންމު ރޭޓުން ފީ ނަގާނެ
-
މި ޕްރޮމޯޝަނުގެ ދަށުން އާސަންދަ ނުވަތަ އެހެން އެއްވެސް އިންޝުއަރެންސެއް ބޭނުމެއް ނުކުރެވޭނެ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު
އެ ސެންޓަރަށް ތިން އަހަރު ފުރުން ފާހަގަކުރަނީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި އުންމީދު ކުރާ އާއިލާތަކަށް ހޯދައިދީފައިވާ އާ އުންމީދުތަކާ އެކުގަ އެވެ.
މި ސެންޓަރު 29 މެއި 2023ގައި ހުޅުވުމާ އެކު، ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނެވެ. މިއީ ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ދޭން ފެށި ފުރަތަމަ ސެންޓަރެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ވަނީ ލިބިފަ އެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ ތާރީހީ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން، ރާއްޖޭގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި މިހާތަނަށް މި ސެންޓަރުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީ އެކެވެ. މިއީ މި ސެންޓަރުގެ ތަޖުރިބާކާރު ޓީމުން ކުރާ މަސައްކަތަށް އާންމުންގެ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ.
އިތުރަށް ކިޔާލަން
މި ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި ފަރުވާގެ ޕްލޭން އެކުލަވާލުމުގެ އިތުރުން ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
މި ސެންޓަރުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުން ކަމަށްވާ ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރްޝާ ރެންގަރާޖް އެވެ. މި ބޭފުޅުންގެ ތަޖުރިބާގެ އެހީގައި ގިނަ ބަޔަކު އަންނަނީ ކާމިޔާބުކަމާ އެކު ދަރިމައިވުމުގެ ފަރުވާ ހޯދަމުންނެވެ.
ކޮމެންޓް