ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެފްޑީސީ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ؛ 3 މީހަކަށް އިންޒާރު
ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓެއް ކުއްޔަށް ދޫކުރުމުން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ހައުސިން ސްކީމުތަކުގެ ދަށުން ދޫކުރާ ފްލެޓުތަަކަކީ ކުލި ދައްކާ ގޮތަށް މިލުކުކުރެވޭ ތަންތަން ކަމަށްވާއިރު، އެތަންތަނުގެ އަގު އެއްކޮށް ހަލާސްކޮށް، މިލްކުވުމުގެ ކުރިން އެހެން ބަޔަކަށް ކުއްޔަށް ދޫކުރުމަކީ ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައި މަނާ ކަމެކެވެ. މި ހާލަތުގައި ފްލެޓް އަތުލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އެކަމަކު، އެފަދަ މީހުންނާ މެދު ފިޔަވަޅު ނާޅާތީ، މިފަދަ ހައުސިން ސްކީމުތަކުގެ މަގުސަދާ ހިލާފަށް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައި ހުންނަ މައްސަލަތައް ބޮޑެވެ. އެގޮތުން، ގާތްގަނޑަކަށް 8000ރ. މަހު ކުއްޔަށް ދައްކާ ގޮތަށް ދޫކޮށްފައި ހުންނަ ފްލެޓުތައް ވެސް 25،000ރ.ގައި ދަނީ ކުއްޔަށް ދޫކުރަމުންނެވެ.
ބުނީ ކީކޭ؟ - އެފްޑީސީން މިއަދު 'ދައުރު'އަށް ބުނީ، ބޯހިޔާވަހިކަން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޫކޮށްފައިވާ އެފްޑީސީގެ 4،000 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން:
-
މިދިޔަ މަހު އެކަކު ޖޫރިމަނާކޮށްފައިވޭ؛ ޖޫރިމަނާކުރި އަދަދެއް ނުބުނޭ
-
ގަވާއިދާ ހިލާފަށް ކުއްޔަށް ދޫކޮށްފައިވާ ތިން ފްލެޓެއްގެ ވެރިންނަށް ލިޔުމުން އިންޒާރުދީފައިވޭ
-
މިފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް އަންނަނީ ބަލަމުން
އެފްޑީސީގެ ހައުސިން ޔުނިޓުތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަ ދޫކުރެވިފައިވާ ތަންތަނަށްވާތީ، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ގުޅުން ހުރި - އެފްޑީސީގެ 'އަމާން އުދަރެސް' ފްލެޓެއް، ބިދޭސީންގެ ލޭބާ ކުއާޓާއެއްގެ ގޮތަށް ކުއްޔަށް ދޫކުރުމުން، އެ ފްލެޓުގެ ވެރިފަރާތް 50،000ރ. އިން މިދިޔަ ފެބްރުއަރީގައި ވެސް ޖޫރިމަނާކުރި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސޯޝަލް ހައުސިންގެ ދަށުން ސަރުކާރު ދޫކުރާ ފްލެޓުތަކަކީ، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޫކުރާ ތަންތަން ކަމަށްވާއިރު، އެއްބަސްވުމާ ހިލާފަށް އެހެން ބަޔަކަށް އެތަންތަން ކުއްޔަށް ދޭނަމަ އެ ތަންތަން އަތުލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެފަދަ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ، ގާނޫނުގައި ހިމަނައިގެން ނަމަވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އޭގެ ގިނަ ފްލެޓުތައް މިހާރު ވެސް ކުއްޔަށްދީފައި ހުރިއިރު، އެކަމަށް މިހާތަނަށް ސަރުކާރުން ވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.
ކޮމެންޓް