ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު، ޖޭއެސްސީގެ ބައްދަލުވުމެއްގައި (ފޮޓޯ/ ޖޭއެސްސީ)

ޖޭއެސްސީގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު އިންތިހާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު އިންތިހާބުކުރީ، ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު މިއަދު އިންތިހާބުކޮށްފި އެވެ.

ވީކިހިނެއް؟ - ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ތަފްސީލް - ޖޭއެސްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި އިންތިހާބުކޮށްފައިވާ ކަމަށެވެ.

ޔަޒްމީދު އެ ކޮމިޝަނުގައި އިންނެވީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރެއްގެ ގޮތުގަ އެވެ. ޔަޒްމީދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުން، އޭނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ވަކީލު އަދި ޕޮލިސް ބޯޑުގެ ކުރީގެ މެންބަރު އަލީ ނަސީރު ގާސިމް ވަނީ ކޮމިޝަނަށް މިދިޔަ މަހު 21ގައި އައްޔަންކޮށްފަ އެވެ.

އެނގުން މުހިންމު - މިހާރު ޖޭއެސްސީގައި ތިއްބެވީ:

  • ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް (ކޮމިޝަންގެ ރައީސް)

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު (ކޮމިޝަނުގެ ނައިބު ރައީސް)

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

  • ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ މެންބަރު އިދުރީސް ފައުޒީ

  • ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު އަލީ ނަސީރު ގާސިމް

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު

  • ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު

  • ދަށު ކޯޓުތަކުން އައްޔަންކުރި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު

  • ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ވަކީލު އަލީ އަބްދުއްލަތީފް

ޝަހީދުގެ ތައާރަފެއް - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރަނީ 19 މާޗު 2025ގަ އެވެ. އަދި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އޭނާ ހަމަޖެއްސުމުން އެ ކޮމިޝަނަށް އައްޔަންކުރީ 7 އޭޕްރީލް 2025ގަ އެވެ.

އޭގެ ކުރިން ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ. ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން:

  • ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި

  • ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި

  • ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ 30 އޮކްޓޯބަރު 2023ގައި

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރަނީ، ސިޔާސީ ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދުސްތޫރީ މައްސަލަ ބަލަމުން ދަނިކޮށް ސަސްޕެންޑްކުރުމުން، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް (1)

ނަފީސް އާދަން

3 ޖޫން 2026
އިތުބާރު ކުރެވޭ މީހެއް ނޫން. ހެކި ނެތީސް ސުޕްރީމް ކޯޓުން މީހުންވަކި ކުރަން މުއިއްޒުއަށް މަސައްކަތްކަތް ކޮށްދިން މީހެއްތީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް