އައްޑޫގައި ވެހިކަލް ގެންގުޅޭ ލިފްޓެޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނީގެ ވެހިކަލްތައް ފިށިމަތި ހިއްކަން ވެގެން ކުއްޔަށް ނެގުމަށްފަހު ކުލި ނުދައްކައިގެން މުޒާހަރާކުރުމުގެ ގޮތުން އާރުޑީސީ އޮފީސް ކުރިމަތީ ޕިކަޕެއް ބަހައްޓާފައި --

އައްޑޫ

އާރުޑީސީން ފިށިމަތި ހިއްކަން ކުއްޔަށް ނެގި އުޅަނދުތަކުގެ ކުލި ނުދޭތީ މުޒާހަރާކުރަނީ

ފިށިިމަތި ހިއްކަން ބޭނުންވާ އުޅަނދުތައް އާރުޑީސީން ކުއްޔަށް ނެގީ ލިފްޓެޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން؛ ފަސް މަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ކުލި ނުދީ އޮތުމުން އެ ޝުއޫރު ލިޔެފައިވާ ބެނާއެއް ޕިކަޕެއްގައި ދަމާފައި އާރުޑީސީ އޮފީސް ކުރިމަތީ ބަހައްޓާފައިވޭ

އައްޑޫ ހިތަދޫގެ ފިށިމަތި ސަރަހައްދު ހިއްކަން އާރުޑީސީން ކުއްޔަށް ނެގި ވެހިކަލްތަކުގެ ކުލި އެއްބަސްވި ގޮތަށް ދައްކަމުން ނުގޮސް ހަ މަސް ދުވަސް ވުމުން އެ ވެހިކަލްތައް ނިސްބަތްވާ ކުންފުނިން މުޒާހަރާކުރަން ފަށައިފި އެވެ.

ވީކިހިނެއް؟ - އައްޑޫ ހިތަދޫގައި ހުންނަ އާރުޑީސީ އޮފީސް ކުރިމަތީގައި ވަނީ ބޮޑު ޕިކަޕެއް ބާއްވައިފަ އެވެ. އަދި އެ ޕިކަޕްގައި، "ފަސް މަސް ދުވަހުގެ ވެހިކަލް ކުލި ކޮބާ" އާއި "ހައްގު ފައިސާ، ފަސް މަސް ދުވަހުގެ ކުލި ފަސް އަހަރުންތޯ؟" ލިޔެފައިވާ ބެނާއެއް ދަމާފައިވެ އެވެ.

ތަފްސީލް - އެ ޕިކަޕަކީ، އައްޑޫގައި ބޮޑެތި ޕިކަޕްތަކާއި ލޮރީ ފަދަ އުޅަނދުތައް ގެންގުޅޭ ކުންފުންޏެއް ކަމަށްވާ، ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ޕިކަޕެކެވެ. ފިށިމަތި ސަރަހައްދު ހިއްކަން އާރުޑީސީން ކުއްޔަށް ނަގަނީ ލިފްޓެޑް ކުންފުނީގެ އުޅަނދުތަކެކެވެ.

ލިފްޓެޑް ކުންފުނީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ މެދު ތެރެއާ ހަމައަށް ދައްކަން ޖެހޭ ކުލީގެ އެއްވެސް ފައިސާއެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ. އެ ގޮތުން:

  • ސޮއިކުރި އެގްރިމަންޓްގައި އޮންނަނީ ކޮންމެ މަހަކު ވެސް ބިލު ފޮނުވާތާ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ ގޮތަށް ކަމަށް؛ އެކަމަކު އެގުރިމަންޓާ އެއްގޮތަށް އާރުޑީސީން އަމަލުކޮށްފައެއް ނުވޭ

  • ފުރަތަމަ މަހު ހަތަރެއް ނުވަތަ ފަސް އުޅަނދު ކުއްޔަށް ނެގުމަށް ފަހު، ކޮންމެ މަހަކު އިތުރަށް ވެސް އުޅަނދުތައް ކުއްޔަށް ނަގަމުން ދިޔަ؛ މި ހުރިހާ ކުއްޔެއް އެއްކޮށްލައިގެން ގާތްގަނޑަކަށް 5 މިލިއަން ރުފިޔާއަށް އަރާނެ

އޭނާ ވިދާޅުވީ އާރުޑީސީން ފައިސާ ދައްކަން ދެން، ކޮންމެ ވެސް އެއްވުމެއް ނުވަތަ ހަރަކާތެއް މުޒާހަރާގެ ސިފައިގައި ހިންގަމުންދާނެ ކަމަށެވެ.

ފައިސާ ނުލިބިގެން އާރުޑީސީއާ ކުރިން ވާހަކަ ދެއްކުމުން ދިން ޖަވާބަކީ ފިނޭންސް މިނިސްޓްރީން ފައިސާ ހަމަނުޖެހިގެން ނުދެވެނީ ކަމަށް ލިފްޓެޑް ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތު ސާފުކުރުމުން މަޝްރޫއު ހިންގުމަށް އާރުޑީސީއަށް ދޫކުރަން ޖެހޭ ފަައިސާ ދޫކޮށްފައިވާ ކަން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް