ވިލިމާލޭގެ މަގެއްގެ މަތިން މީހަކު ހިނގާފަދަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މާލޭ ހުސްބިންތަކުގައި ދިވެހިބޭހުގެ ގަސްތައް އިންދަން ނިންމައިފި

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އެފަދަ ގަސްތައް ބެލެހެއްޓޭ ގޮތަށް މާލޭގެ ހުސްބިންތަކުގައި އެ ގަސްތައް އިންދައި އެންމެންނަށް ބޭނުންކުރެވޭ ގޮތް ހަދަން ކައުންސިލުން ފާސްކުރީ މިއަދު

މާލޭގައި ހުރި ހުސްބިންތަކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްތައް އިންދަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ އޮތް ޖަލްސާއަށް މާލޭ މޭުުޔަރު އާދަމް އާޒިމް ފުރަތަމަ ހުށަހަޅުއްވަނީ، މާލޭގެ ގަބުރުސްތާނުތަކުގައި ހުރި ހުސް ތަންތަނުގައި އެފަދަ ގަސްތައް އިންދާށެވެ. އެކަމަކު ގަބުރުސްތާނެއްގައި އެފަދަ ގަސްތައް އިންދަން އަދި އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތް ގޮތަށް އެގަސްތައް އިންދަން ބައެއް ކައުންސިލަރުން ދެކޮޅުހެދި އެވެ. 

ތަފްސީލް - އާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި މާލެއިން ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ދިވެހި ބޭސްވެރިކަންކުރާ މީހުން ފާޅުކުރަމުންދާ ކަމަށެވެ. މާލޭގައި ބޭނުންކުރެވޭ ގޮތަށް ހުރި ހުސްބިންތަކެއް ހުރީ މާލޭގެ ސަހަރާތަކުގައި ކަމަށާއި އެކަމަށް ދީނީ ގޮތުން އެއްވެސް ހުރަހެއް އޮއްތޯ ސާފުކުރިއިރު އެފަދަ ހުރަހެއް ވެސް ނެތް ކަމަށެވެ. އެގޮތުން ގަލޮޅު ސަހަރާގައި އެފަދަ ގަސްތައް އިންދަން ހުސް ޖާގަ އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

މީހުން ވަޅުލަން ބޭނުންކުރާ ގަބުރުސްތާނުގައި ބެލެހެއްޓުންތެރިކަމެއް ނެތް ގޮތަށް އެފަދަ ގަސްތަކެއް އިންދުމާ މެދު ކައުންސިލަރުންގެ ހިޔާލު ތަފާތުވި އެވެ. ބައެއް ކައުންސިލަރުން ވިދާޅުވީ:

  • މީހުން ވަޅުލާ ތަނެއްގައި އެފަދަ ގަސްތައް އިންދުން ރަނގަޅުކަމަކަށް ނުވާނެ

  • ބެލެހެއްޓުންތެރިކަމެއް ނެތި ވަކި ބަޔަކަށް ގަސްތައް ދޫކޮށްލައިފި ނަމަ އެކަކު އަނެކަކު ގަސްތައް އަމިއްލަކޮށް އޭގެ ފައިދާ އެންމެންނަށް ނުލިބުމުގެ ފުރުސަތު އޮންނާނެ

  • ބައެއް ބިދޭސީން މިހާރު ވެސް ބައެއް ގަސްތައް އުފުރާ އޭގެ ވިޔަފާރި ކުރާއިރު، މިފަދަ ގަސްތަކެއް ބެލެހެއްޓުމެއް ނެތި ދޫކޮށްލުމުން އެކަން މާބޮޑުވާނެ އަދި ދިވެހިންނަށް އޭގެ މަންފާ ނުލިބޭނެ

އެހެންވެ، ކައުންސިލަރުން ބޭނުންވީ މާލޭ ކައުންސިލުގެ ބެލުމުގެ ދަށުން އެފަދަ ގަސްތައް ބެލެހެއްޓޭ ގޮތަށް ސަހަރާ ނޫން ބިމެއްގައި އިންދައި އެންމެންނަށް ބޭނުންކުރެވޭ ގޮތް ހެދުމެވެ. މިގޮތަށް އެ ގަސްތައް އިންދަން ފާސްކުރީ، މިއަދުގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް (1)

އަހުމަދު ޢަލީ ދީދީ

4 ޖޫން 2026
ދިވެހި ބޭސްވެރިކަމަކީ އުވި ނެތިގެންދިއުމުގެ ބިރު ހީވެފައިވާ ވަރަށް މުހިންމު ދިވެހިންގެ ތަރިކައެކެވެ.މިކަމާއި ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އަޅާލާތަނެއް ނުފެނެއެވެ.މިދާކަށް ދުވަހު ބޭއްވި ވޯލްޑް ހެލްތު ޖެނެރަލް އެސެމްބްލީގައިވެސް ޓްރެޑިޝަނަލް މެޑިސިންގއާއި ބެހޭ ތިންހަތަރު އިވެންޓެއް އޮތެވެ.ކަހިރުވަކެކޭވެސް ހިއެއް ނުވެއެވެ.ޑަބްލިޔު.އެޗް.އޯ.ގެ ބޮޑު މެންޑޭޓެއް މިކަމަށް އޮތްއިރުވެސް އެއްވެސް ކަމެއް ނުހިންގައެވެ.ބޭސްވެރިންނަށް ދަނީ ދަތިކުރަމުންނެވެ.ޕްރޮފެޝަނަލުންގެ ޤާނޫނާއި ޚިލާފުވެގެން ތިބޭތާއެތައް އަހަރެއްވެއްޖެއެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް