އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން ބައްސާމަށް ދައުވާކުރަން ފޮނުވައިފި

އޭނާގެ މައްޗަށް ކުރުމަށް އޭސީސީން އެދިފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ
1 ޖޫން 2026

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ. 

ވީ ކިހިނެއް؟ - އޭސީސީން މިއަދު ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގުގައި ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ލޯންޑާކުރުމަށް، އެ ފައިސާ ޖަމާކުރި ކުންފުނި އެސްއޯއެފް ޕްެރައިވެޓް ލިމިޓެޑް އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ބައްސާމްގެ އަމިއްލަ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. 

"މިފައިސާ ބައްސާމު އަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވެ އެވެ،" އޭސީސީގެ ބަޔާނުގައި މިއަދު ބުންޏެވެ. 

ތަފްސީލް - މީގެ އިތުރުން ބައްސާމު ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައި ކަމަށް ވެސް އޭސީސީން ބުންޏެވެ. 

އެ މައްސަލަތަކާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުވާކޮށްދޭން ފޮނުވާފައި ވަނީ: 

  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން މަނީ ލޯންޑަކުރުމުގެ ދައުވާ 

އެ މައްސަލަ އޭސީސީން ޕީޖީއަށް ހުށަހެޅީ މިއަދު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. 

އެނގުން މުހިންމު - ބައްސާމް މިހާރު ވެސް ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެގޮތުން އެ ހުކުމް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރީ: 

  •  އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ހިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި 

  • އެކަމާ ގުޅިގެން ހަތަރު ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވި

ގުޅުންހުރި - އެ ފައިސާއިން ބައްސާމް ގަނެފައިވާ ކަމަށް ތުހުމަތުވާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް