ރޭ އައްޑޫއަށް ކުރި ވިއްސާރާގައި ގަދަވަޔާއެކު ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލާފައި

މޫސުން

ބައެއް ރަށްރަށަށް ބޯ ވާރެއާ އެކު ގަދަވައިގައި ގެއްލުންތަކެއް

ގދ. މަޑަވެއްޔާއި އައްޑޫ ފޭދޫގައި ފެންބޮޑުވެގެން ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނަށް ފެން ހިންދުމުގެ މަސައްކަތްކޮށްފައިވޭ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑު އާއި ގދ. މަޑަވެލީގައި ފެންބޮޑުވުމުގެ އިތުރަށް، ވައިގަދަވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑޫ ފޭދޫ އާއި ގދ. މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ރޭ ދަންވަރުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ކޮށްފައިވެ އެވެ.

ރޭ. ގއ. މަޑަވެއްޔަށް ކުރި ވިއްސާރާގައި މަގުމަތީގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތުގެ ތެރެއިން. (ފޮޓޯ/އެމްއެންޑީއެފް)

ތަފްސީލް - އެމްއެންޑީއެފްއިން ބުނި ގޮތުގައި:

  • ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ، މަޑަވެލީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފެށީ ރޭ 1:35 ހާއިރު؛ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 9:40 ހާއިރު ވަންދެން ކޮށްފައިވޭ

  • ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައި ވަނީ ރޭ ފަތިހު 3:45 ހާއިރު؛ އެ މަސައްކަތުގައި މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފައިވޭ 

  • މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައި

  • ހއ. އުތީމާއި ހދ. ހަނިމާދޫގައި ފެން ހިންދުމުގެ މަސައްކަތް އެބަކުރޭ

  • ރޭ ބޯކޮށް ވާރޭވެހުމުގެ އިތުރަށް ގަދަވަޔާ އެކު އައްޑޫ ހިތަދޫގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ ވެސް އެމްއެންޑީއެފްއިން ރޭ ދަންވަރު ހަރަކާތްތެރިވި

  • ރޭ ކުރި ވިއްސާރާގައި ހިތަދޫގެ ބައެއް ގަސްތަކުގެ ބައިތައް ވެސް ވަޔާ އެކު ވެއްޓިފައިވޭ

ރޭ ކުރި ވިއްސާރައިގައި އައްޑޫ ހިތަދޫ ސްކޫލެއްގައި ހުރި ބޮޑު ގަހެއްގެ އޮފިގަނޑު އިރައިގެން ވެއްޓިފައި.

މޫސުން

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، އިއްޔެ އެންމެ ގަދައަށް ވިއްސާރަކުރީ ވެސް އައްޑޫ އާއި ގދ. އަތޮޅަށެވެ. އެގޮތުން:

  • އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ގަމަށް؛ އެއީ 106 މިލިލީޓަރުގެ ވާރޭ

  • ދެން އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދުއަށް؛ އެއީ 102 މިލިލީޓަރުގެ ވާރޭ

  • ހދ. ހަނިމާދުއަށް 68 މިލިލީޓަރުގެ ވާރޭ ވެހުނު

  • ހިތަދުއަށް 64 މިލިލީޓަރުގެ ވާރޭވެހުނު

  • ގއ. ގެމަނަފުއްޓަށް 63 މިލިލީޓަރުގެ ވާރޭވެހުނު

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކުރެ އެވެ. މެޓުން ބުނި ގޮތުގައި، އެންމެ ބޯކޮށް ވިއްސާރަކުރާނީ އުތުރާއި ދެކުނުގެ ރަށްތަކަށެވެ.

ބޯކޮށް ވާރޭވެހޭނެތީ އާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓު ވެސް މިއަދު ވަނީ ނެރެފަ އެވެ. މީގެ އިތުރުން:

  • އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ

  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ

  • އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ؛ ދެކުނުގެ ކަނޑުތައް މަޑުވިޔަސް، ވިލާގަނޑުގައި ގަދަވާނެ

  • މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓާއި 7 ފޫޓުގައި؛ ދެކުނަށް ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 5 ފޫޓުގައި

މި މަހަށް މެޓުން މޫސުން ލަފާކޮށްފައި އޮތީ، މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އަދި އުތުރުގެ އަތޮޅުތަކަށް އާންމުކޮށް މި މަހު ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވެހޭނެ ކަމަށެވެ. ފިނިހޫނުމިނަށް ބަލާއިރު، މިމަހު އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ފެށޭ ޖޫން މަހުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުުކޮށް ވާރޭ ވެހޭ މިންވަރަށް މަދުންނެވެ. ފިނިހޫނުމިނަށް ބަލާއިރު، ޖޫން މަހު މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް