މާލެ ސިޓީ ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ޑަބްލިއުޑީސީ މެންބަރުން ސްޓޭޖް މަތީ ހުއްޓިގެން (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

ސިޓީ ޑަބްލިއުޑީސީ ރައީސުންނަށް 41،000ރ، އަދި ރަށު ޑަބްލިއުޑީސީ ރައީސުންނަށް 21،000ރ

މިދިޔަ ދައުރު އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ ސިޓީތަކުގައި 7،000ރ. އަދި ރަށްތަކުގައި 6،000ރ.

އަންހެނުންގެ ކޮމިޓީތަކުގެ (ޑަބްލިއުޑީސީތަކުގެ) ރައީސުންގެ މުސާރަ އެތައް ގުނައަކުން ބޮޑުކޮށްފި އެވެ.

ވީކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުންނެވެ.

ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލަށް ސިޓީއެއް ފޮނުވައިފަ އެވެ.

ތަފްސީލް - އޭގައިވާ ގޮތުން ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ:

  • ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41،500ރ. (އަސާސީ މުސާރަ 33،000ރ. އަދި ލިވިން އެލަވަންސް 8،500ރ)

  • ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 21،000ރ. (އަސާސީ މުސާރަ 16،500ރ. އަދި ލިވިން އެލަވަންސް 4،500ރ.)

ޑަބްލިއުޑީސީތަކުގެ ނައިބު ރައީސުންގެ މުސާރައަކީ:

  • ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 7،000ރ. (އަސާސީ މުސާރަ 5،000ރ. އަދި ލިވިން އެލަވަންސް 2،000ރ.ގެ އިތުރުން ސިޓިން އެލަވަންސަކަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.)

  • ރަށްތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 6،000ރ. (އަސާސީ މުސާރަ 4،000ރ. އަދި ލިވިން އެލަވަންސް 2،000ރ.ގެ އިތުރުން ސިޓިން އެލަވަންސަކަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.)

ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރައަކީ: 

  • ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުންނަށް 6،000ރ. (އަސާސީ މުސާރަ 4،000ރ. އަދި ލިވިން އެލަވަންސް 2،000ރ.ގެ އިތުރުން ސިޓިން އެލަވަންސަކަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.)

  • ރަށްތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 5،000ރ. (އަސާސީ މުސާރަ 3،000ރ. އަދި ލިވިން އެލަވަންސް 2،000ރ.ގެ އިތުރުން ސިޓިން އެލަވަންސަކަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.)

މި ބަދަލުގައި އެތައް ގުނައަކުން ބޮޑުކުރީ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރައަށެވެ. ކުރިން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 7،000ރ. އަދި ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 6،000ރ. އެވެ. 

އެނގުން މުހިންމު - މި ބަދަލުގެ ސަބަބުން ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރައަށް ކޮންމެ އަހަރަކު 6 މިލިއަން ރ. އަދި ރަށްތަކުގެ ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރައަށް އަހަރަކަށް 73 މިލިއަން ރ. ހަރަދުވާނެ އެވެ. ޖުމުލަ 79 މިލިއަން ރ. އެވެ.

އެ ގޮތުން: 

  • ސިޓީތަކުގެ ޑަބްލިއުޑީސީގެ 5 ރައީސުން؛ ކޮންމެ މަހަކު 207،500ރ. (އެއީ ކޮންމެ އަހަރަކު 2.5 މިލިއަން ރުފިޔާ)

  • ރަށްތަކުގެ ޑަބްލިއުޑީސީގެ 176 ރައީސުން؛ ކޮންމެ މަހަކު 3.7 މިލިއަން ރުފިޔާ (އެއީ އަހަރަކަށް 44.4 މިލިއަން ރުފިޔާ)

  • ސިޓީތަކުގެ ޑަބްލިއުޑީސީގެ 5 ނައިބު ރައީސުން؛ ކޮންމެ މަހަކު 35،000ރ. (އެއީ އަހަރަކަށް 420،000ރ.)

  • ރަށްތަކުގެ ޑަބްލިއުޑީސީގެ 176 ނައިބު ރައީސުން؛ ކޮންމެ މަހަކު 1.06 މިލިއަން ރުފިޔާ (އެއީ އަހަރަކަށް 12.7 މިލިއަން ރުފިޔާ)

  • ސިޓީތަކުގެ ޑަބްލިއުޑީސީގެ 42 މެންބަރުން؛ ކޮންމެ މަހަކު 252،000ރ. (އެއީ އަހަރަކަށް 3 މިލިއަން ރުފިޔާ)

  • ރަށްތަކުގެ ޑަބްލިއުޑީސީގެ 269 މެންބަރުން؛ ކޮންމެ މަހަކު 1.3 މިލިއަން ރުފިޔާ (އެއީ އަަހަރަކަށް 16.1 މިލިއަން ރުފިޔާ)

ކޮމެންޓް (1)

އަހުމަދު ސާއިދު

21 މޭ 2026
ވަރަށް ބޭކާރު ބޮޑު ޚަރަދެއް.ތީގަ އޮންނަންވީ ސިޓިންގ އެލަވަންސެއް ދޭގޮތަށް އެކަނި.ގިނަ ރަށްރަށުގަ އެއްވެސް ކަމެއް ނުއޮންނާނެ.ނުކުރާނެ.ކުރަން ނުވެސް އޮންނާނެ.
12 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް