ފިންލެންޑުގެ ތަޖުރިބާކާރުން އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަނީ. (ފޮޓޯ/ޑޭން ޔޫރަޕް)
ފީނި މީހުން މަރުވުމުން އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފި
ވ. އަތޮޅު އަލިމަތާ ކައިރިން ފުން ސަރަހައްދަކަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން، ރާއްޖެ އާއި އިޓަލީގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުތައް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް، އިޓަލީގެ ފަސް ޑައިވަރަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެ ދުވަހު ހޯދައި ނެގި އެވެ.
ބާކީ ތިބި މީހުން ތިބި ތަން ހޯދުނީ، ޑޭން ޔޫރަޕް ޖަމިއްޔާއަށް ނިސްބަތްވާ ފިންލެންޑުގެ ތިން ތަޖުރިބާކާރަކު މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައިސް، ދިވެހި ސިފައިންނާއި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން، މިދިޔަ ހޯމަ ދުވަހު އެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އެ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިން އިއްޔެ ނަގާފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގުމުގެ އޮޕަރޭޝަން މިއަދު މިއަދު ކުރިއަށްދާނެ އެވެ.
ތަފްސީލް - އިޓަލީގެ އަންސާ ނޫހުން އިއްޔެ ބުނި ގޮތުގައި، އިޓަލީގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށައިފަ އެވެ. އެ ނޫހުން ބުނި ގޮތުގައި:
-
ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހަދާނެ
-
ފީނި މީހުން ތިބި 'ޑިއުކް އޮފް ޔޯކް' ސަފާރީގެ މީހުންނާ ސުވާލުކުރާނެ
މީގެ އިތުރުން، ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އޭޕީ ނޫސް އެޖެންސީއަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުން ބަލަމުން އަންނަނީ މި ދަތުރު އިންތިޒާމު ކުރި ފަރާތްތަކުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިތޯ އާއި ކުރަން ޖެހޭ ރޭވުންތައް ފުރިހަމައަށް ކޮށްފައިވޭތޯ އެވެ.
ޔުނިވަރސިޓީ އޮފް ޖެނޯއާގެ މޮނިކާ މޮންޓެފަލްކޯން އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ޑައިވިން ޓީމު ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މި ދަތުރަކީ އިންތިހާއަށް ފުން، އޮއި ގަދަ އަދި ހޮހަޅައިގެ ތެރޭގައި ފެންނަ މިންވަރު ސުމަކަށް ތިރިވެފައި އޮތުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ދަތުރެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރައްވަ އެވެ.
މި ހާދިސާގައި މަރުވި މީހުން
-
މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
-
ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް
-
މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
-
ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް
-
ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު
ފާހަގަކުރެވޭ - މި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ.
ކޮމެންޓް (3)
ސުންބުލި
ކޮސް
ތެފައާސާ.