ހެލްތު މިނިސްޓަރު ގީލާ އަލީ: އާރުޓީއައި ގާނޫނުގައި އަމިއްލަ އިސް ނެގުމަށް މައުލޫމާތު އާންމުކުރުމުގެ ޒިންމާ ބަޔާންކޮށްފައިވާ މައުލޫމާތުތަައް ފުރަތަމަ ފަހަރަށް މިނިސްޓްރީއަކުން އާންމުކުރީ ހެލްތު މިނިސްޓްރީ (ފޮޓޯ/ ހެލްތު މިނިސްޓްރީ)
ގާނޫނުގައި އަމިއްލަ އިސްނެގުމަށް އާންމުކުރަން އޮންނަ މައުލޫމާތުތައް ފުރަތަމަ ފަހަރަށް މިނިސްޓްރީއަކުން އާންމުކޮށްފި
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ނުވަތަ ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ގާނޫނުގައި އަމިއްލަ އިސްނެގުމަށް އާންމުކުރުމުގެ ޒިންމާ އޮންނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރަތަމަ ފަހަރަށް މިނިސްޓްރީއަކުން އާންމުކޮށްފި އެވެ.
ވީކިިހިނެއް؟ - ހެލްތު މިނިސްޓްރީގެ ވެބްސައިޓްގެ މީޑިއާ ކޮލަމްގެ 'އާރުޓީއައި' ނަމުގައި ހިމެނޭ ވެބް ޓެބްގައި މި މައުލޫމާތުތައް ޝާއިއުކޮށްފައިވެ އެވެ.
ތަފްސީލް - އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު 'ދައުރު'އަށް ވިދާޅުވީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިއީ ގާނޫނުގެ 37 ވަނަ މާއްދާއިން މައުލޫމާތު އިސްވެ އާންމުކުރުމަށް އިދާރާތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އެ މާއްދާގައި ބަޔާންކުރާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ޝާއިއުކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން ކުރަމުންދާ ކަމަށް ވެސް އާހިދު ވިދާޅުވި އެވެ.
"ވަރަށް ގިނަ މައުލޫމާތުތައް ފުރިހަމައަށް އާންމުކޮށްފައި ހުރި. މިސާލަކަށް މިނިސްޓްރީގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ވެސް ވަރަށް ފުރިހަމަކޮށް ހުރި އޭގައި،" އާހިދު ވިދާޅުވި އެވެ.
މައުލޫމާތުތައް ފުރިހަމަތޯ ބެލުމަށްފަހު އޭގެ ހޯދުންތައް އައިކޮމުން އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އާރުޓީއައި ގާނޫނުގެ 37ވަނަ މާއްދާގައި ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއް ފަހަރު އަމިއްލަ އިސް ނެގުމަށް ޝާއިއުކުރުމަށް ކަނޑައަޅާފައިވާ މައުލޫމާތުތަކަކީ:
-
1-
ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖިބުތަކުގެ ތަފްސީލް
-
2-
ރައްޔިތުންނަށް ސީދާ ގޮތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާ ގުޅޭ ތަފްސީލް
-
3-
ދައުލަތުގެ އެ އިދާރާއިން ހިންގާ ކަމަކާ ގުޅޭ ގޮތުން ޝަކުވާ އުފުލޭނެ އުސޫލު އަންގައިދޭ ތަފްސީލް، އަދި އެހާތަނަށް ލިބިފައިވާ ޝަކުވާތައް އަންގައިދޭ ތަފްސީލް
-
4-
ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާ ގޮތް ފަސޭހައިން ވިސްނައިގަނެވޭނެ ތަފްސީލް
-
5-
ދައުލަތުގެ އިދާރާއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތާއި، އާންމުކޮށް ޝާއިއުކުރާ މައުލޫމާތުގެ ބާވަތް، އަދި މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީ އުސޫލު
-
6-
ދައުލަތުގެ އިދާރާގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެމީހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ދާއިރާ، އަދި ކަންކަން ނިންމުމުގައި އެ ދާއިރާގައި އަމަލުކުރާ އުސޫލުތައް
-
7-
ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތައް
-
8-
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލް
-
9-
ދައުލަތުގެ އިދާރާއަކުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
-
10-
ދައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ހަރަދާއި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް
-
11-
ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް
-
12-
ދައުލަތުގެ އިދާރާގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް
-
13-
ދައުލަތުގެ އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުޙަލާ ނުވަތަ ގޮތާއި ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް