މާލެ އަންނަނިކޮށް ފަޅައިގެންދިޔަ ލޯންޗާއި ކަނޑުވެފައި ތިބި ދަތުރުވެރިން
ފަޅައިގެން ދިޔައީ ވަތަނީ ހިދުމަތުގެ ބައިވެރިން މާލެއަށް ދަތުރުކުރި ލޯންޗެއް
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ ދެވަނަ ބުރުގެ ބައިވެރިންތަކެއް މާލެއަށް ދަތުރުކުރި ލޯންޗެއް މިއަދު ހަވީރު ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް ކައިރިއިން ފަޅައިގެން ހިނގައްޖެ އެވެ.
ވީ ކިހިނެއް؟ - މި ލޯންޗު ފެޅުމާ އެކު އޭގައި ތިބި ދަތުރުވެރިން ލައިފް ޖެކެޓާ އެކު ކަނޑަށް ބޭލި އެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
ތަފްސީލް - ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ހަވީރު ހައެއްޖަހާކަންހާއިރު ކަމަށެވެ. ކަނޑުވި ބައެއް މީހުން ފުލުހުންގެ އެހީތެރިކަމާ އެކު މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސްގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެ ދަތުރުކުރި އެއް ލޯންޗް ހުޅުމާލެއާ ހިސާބުން ފަޅައިގެން ދިޔަ ކަމަށެވެ. އެއާ އެކު އެ ކުދިން ކަނޑަށް ބޭލި ކަމަށް ވެސް ބުންޏެވެ.
"އެ ކުދިން ލޯންޗުތަކަށް ނެގުމަށް ފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން ދަނީ ކުރަމުން،" އެމްއެންޑީއެފްއިން ބުންޏެވެ.
އެކަމަކު އެމްއެންޑީއެފް އާއި ފުލުހުން ފަހުން ފޮނުވި މެސެޖްގައި ވެސް ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެ އެވެ. އަދި ފުލުހުންގެ އެހީތެރިކަމުގައި މާލެ ގެނައި ދަތުރުވެރިންގެ އަދަދު ވެސް ނުބުނެ އެވެ.
ކޮމެންޓް (1)
ކުރިކީލަ