އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެ އޮތޯރިޓީގެ އޮފީހުގައި (ފޮޓޯ/ އެލްޖީއޭ)

އެލްޖީއޭ

ކައުންސިލްތައް އުވާލުމުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް

އަތޮޅު ކައުންސިލްތައް މިއަދުން ފެށިގެން އުވޭއިރު، އޭގެ ބަދަލުގައި ދެން ހުންނާނީ އެލްޖީއޭއިން އިދާރީ ދާއިރާތަކުގައި ހިދުމަތް ދިނުމަށް ގާއިމްކުރާ އެ އޮތޯރިޓީގެ އޮފީސްތަކެއް

އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން އުވުމާ އެކު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ގާއިމްކުރަން ރައީސް އޮފީހުން އެލްޖީއޭއަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރާ ގޮތުގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ފަހުން އޮތް ދައުރު ހަމަވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ އެލްޖީއޭއާ އެވެ.

ކައުންސިލްތަކުގެ އާ ދައުރެއް އިއްޔެ ހުވާ ކުރުމާ އެކު އެންމެ ފަހުން އޮތް އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން އުވުނީ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި އެލްޖީއޭގެ ބާބުގައި ހިމެނޭ އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ ދާއިރާ ނުވަތަ އަތޮޅުތައް ހިންގުމުގެ ކަންކަން ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި 'ލާމަރުކަޒީ އުސޫލުން އެލްޖީއޭގެ ހިދުމަތްތައް ދިނުމާއި އޮތޯރިޓީގެ އޮފީސްތައް ގާއިމުކުރުން' ނަމުގައި އެ މާއްދާއަށް ނަންބަރެއް އިތުރުކުރުން ހިމެނެ އެވެ.

ބުނީ ކީކޭ؟ - ރައީސްގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އައިޝަތު އިކުރާމް ސޮއިކުރައްވައި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް އިއްޔެ ފޮނުއްވި ސިޓީގައިވާ ގޮތުގައި، އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދޭން ގާއިމްކުރާ އޮފީސްތަކަކީ އެ އޮތޯރީޓީގެ ބައެއް ގޮތުގައި ގާއިމްކުރާ ތަންތަނަށް ވުމާއި އެއީ ސަރުކާރުގެ ވަކި އިދާރާތަކަށް ނުވުމާ އެކު އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި ވަކި ގޮތަކަށް ނަން ބޭނުންކުރަން ރައީސަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، ރައީސްއަށް ފެނިވަޑައިގަންނަވާ ނަމަކީ:

  • ލޯކަލް ގަވަމެންޓް އޮތޯރިޓީ - (އަތޮޅު) އޮފީީސް

  • މިސާލަކަށް: ލޯކަލް ގަވަމެންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް

ތަފްސީލު - އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ އުމުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތަކުގެ އިދާރާ އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

"އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސެވުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ކަންކަން ހަމަޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" އެ ސިޓީގައިވެ އެވެ.

ކޮމެންޓް (3)

profile-image-placeholder

ސިކުނޑި

18 މޭ 2026
މިސަރުކާރުން ކުރަނީ މުޅިންވެސް ދެއުޅިއެއްނުވާ ކަންކަން! އެހެންތާވާނީ، އެއްވެސް ކަމެއްގައި ލަފައެއް ހޯދަނީކީނޫން، މިއަދު ހިތައްއެރީ މާދަމާކޮށްލީ އަނެއްދުވަހު ޕެޗުއަޅާނެ ހަފުތާއެއްފަހުން އުނބަށް ޖަހާނެ!! ތެދެއްބުނަން! މިސަރުކާރުގެ ވާހަކައަކީ ދިވެހީން ދުވަހަކުވެސް ދައްކައި ކޮޅުން ނުލާނެ ވާހަކައެއް! މަލާމާތަށް ހޮޅުއަށިތަކުގައި އަނގަތަޅަން މިވަރެއް ނޯންނާނެ!

އިބިރަހިމާ

18 މޭ 2026
ހާދަ ހަރަދެކޭ އެ ކުޑަވީ. ހެޔޮވާނީ ކިހިނެއްތަ އެއްފަހަރާ އެހާ ބޮޑަށް ހަރަދު ކުޑަކޮށްލަން؟؟

އާސާފަތެ.

18 މޭ 2026
މީގެން ސާފުވަނީ އަތޮޅު ކައުންސިލު އުވާލުމަކީ އެއްވެސް ޙާލެއްގައި ރައްޔިތުންނަށް ފައިދާކުރުމަށް ކުރި ކަންތަކެއް ނޫންކަން. ނުވަތަ ޚަރަދު ކުޑަކުރަން ކުރި ކަމެއްވެސް ނޫންކަން. އެއީ އަތޮޅު ކައުންސިލުތަކަކީ ރައްޔިތުން ހޮވާ ބަޔަކަށް ވުމުން މައި ސަރުކާރުން ކޮންޓުރޯލު ނުކުރެވޭތީ މައިސަރުކާރު ބޭނުންވާ ގޮތަކަށް ކަންކަން ނިންމާ ގޮނޑިކޮއްކޮތަކެއް އުފައްދަން ކުރިކަމެއްކަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް