ޕީއެންސީޏް ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެކަކު އަނެކަކުގެ ބުރަަކަށްޓަށް ވަޅި ޖަހާފައި ތިބި ފޭލިއަރުންތަކެއް އެއްވެގެން ކުރެވޭނެ ކަމެއް ނެތް: ރައީސް މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި ސޯލިހު އެކުގައި މަސައްކަތްކުރައްވަން ނިންމަވައި މަޝްވަރާތަކަށް ތައްޔާރުވެފައިވަނިކޮށް

އެކަކު އަނެކެއްގެ ބުރަކައްޓަށް ވަޅި ޖަހައިގެން ތިބި ފޭލިއަރުންތަކެއް ގުޅިގެން ގައުމަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި އެމީހުންގެ ތެރޭގައި އޮތީ އަމިއްލަ އެދުން އެކަނި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު، އިދިކޮޅަށް ވަރުގަަދަ ބަހުގެ ހަމަލާތަކެއް ރޭ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އަދި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވަން، ކުރީގެ ރައީސުން ކަަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އަބްދުﷲ ޔާމީން މިފަހުން ވަނީ ވިދާޅުވެފަ އެވެ. ތިން ރައީސުންގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ބުނީ ކީކޭ؟ - ވެރިކަންކުރާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ، ޔާމީން ވެސް ހިމެނޭހެން ވަރަށް ފާޅުކަން ބޮޑުކޮށް ކުރީގެ ރައީސުންނަށް ފާޑުވިދާޅުވެފަ އެވެ. ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒު، މިހާ ފާޅުކޮށް ޔާމީނަށް މީގެ ކުރިން ފާޑުވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ މާޒީގެ ސަފުހާތަކަށް ބަލާއިރު، މި ސަރުކާރުގެ ކަންކަމާއި ނަތީޖާ ނެރެދޭ ގޮތާ މެދު އިދިކޮޅުގައި ތިބި އެެއްވެސް ލީޑަރަކަށް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. މިއަށް ވުރެ ރަނގަޅުވާނީ މި ގޮތޭ ކިޔާފައި ރައްޔިތުންނަށް ދޭނެ އެއްޗެއް ނުވަތަ ދެއްކޭނެ އެއްވެސް އެއްޗެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. 

"[އިދިކޮޅުގައި] އެމީހުންގެ ތެރޭގައި އޮތީ އަމިއްލަ އެދުން. އެކަކު އަނެކަކަށް އިހުލާސްތެރިކަމެއް ނެތް. ގައުމު އިސްކުރުން އަދި އަމުދުން ނެތް. އެހެންވީމާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް ޒިންމާދާރު އިދިކޮޅަކުން ކަންކަން ކުރަން ޖެހޭ ގޮތަށް ކުރުމުގެ  ވައްޓަފާޅިއެއް ވެސް ނެތް. އެކަން ކުރުމުގެ އުރަތްޕެއް ވެސް ނެތް. އެކަން ކުރުމުގެ ގާބިލުކަމެއް ވެސް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުން:

  • ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހި، ނެތިފައި އޮތް އެއްޗަކީ ޒިިންމާދާރު އިދިކޮޅެއް

  • ރާއްޖޭގައި އޮތީ ފުރުސަތު ލިބުނު ކޮންމެ ދަނޑިވަޅެއްގައި އަމިއްލަ ފައިދާއަށް ބަލައިގެން މަސައްކަތްކުރި ބައެއް

  • އެންމެން ދުއާކުރަންވީ ރާއްޖެއަށް ޒިންމާދާރު އިދިކޮޅެއް އަންނާނެ ދުވަހަކަށް 

"މިއުޅޭ ބަތް ކައްކާ ކުޅޭ، މިގޮތަށް ސަކަރާތްޖަހާ، ދެއުޅިއެއް ނުވާ ފަރާތްތައް އޮޕަޒިޝަންގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް. އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބީ. އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު ހުސް ފޭލިއަރުން މިތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަދެއްކީމާ އަޅުގަނޑުމެން ހިތުން ޒުވާން ކުދިން މިކަން އެނަލައިޒްކޮށްލާއިރުގައި ވެރީ ހަމަ ޑިޕްރެސްޑް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގައި ވީ ކަންކަމަކީ ނުވާ ކަމަކަށް ނުވާނެ ކަމަށާއި އޭރުގެ ސަފުހާތައް ނިއުޅާލާއިރަށް ކަންކަންވެފައި ހުރި ގޮތް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ. 

އެގޮތުން ޔާމީނަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ  ކިތަންމެ ގިނަ މަސައްކަތްތަކެއް ކޮށްދިން ކަމުގައި ވިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށެވެ.

"ތަރައްގީ ކުރިޔަސް މުޅި ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ މީހުން ޖަލުގައި. އެއީ ގައިމުވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރިކޯޑު މިއޮތީ ސާފުކޮށް ފެންނަން ހުރިހާ ފަރާތްކަށް،" ރައީސް ވިދާޅުވި އެވެ.

"މިއީ އަންޑޯ [އިއާދަ] ކުރެވޭނެ ކަންކަމެއް ނޫން. ފަސްއަޅާ ފޮރުވޭނެ ކަންކަމެއް ވެސް ނޫން. އެއީ ފެންނަން ހުރި ހަގީގަތް. އެއީ ތިމަންނަމެންނެއް ނޫނޭ ބުނެ ކާކަށްތޯ އޮޅުވާލެވޭނީ؟ އަމިއްލަ ނަފުސަށް ވެސް އޮޅުވާނުލެވޭނެ އެކަންކަން." 

ހަމަ އެގޮތަށް، އިގްތިސޯދު އިނދަޖައްސާލުމާއި ގައުމުގެ ކަންކަން ހިންގަން ނޭނގިގެން ނަޝީދާއި ސޯލިހުގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ ވައްކަން ފަދަ ހިޔާނާތްތަކުގެ މައްސަލަތައް ފާހަގަކުރެއްވި އެވެ.

އެހެންކަމުން ހަމަޖެހިލައިގެން އެކަންކަން ބަލައި ވިސްނައިގެން ގޮތް ނިންމުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އޭރުން ގައުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެެވެ.

ކޮމެންޓް (1)

ތެފައާސާ.

15 މޭ 2026
ތިމާގެ ފޮޓޯއަށްވުރެ ބޮޑު ސިންގާކޮށް ޔާމީނުގެ ފޮޓޯ ޖަހައިގެން ހުސްގޮނޑި ދައްކައިގެން ވެރިކަން ހޯދުމަށްފަހު، އެބުނާ އެންމެ ބޮޑު ވަޅި ޔާމީނުގެ ބުރަކަޢްޓަށް ޖަހާލި ބޭފުޅާ އަރާ އެހެންމީހުން ބުރަކައްޓަށް ވަޅި ޖަހާ ވާހަކަދެއްކީމާ އެ ގޮވެނީ ގުދޯ ގުދޯ ނޫންތޯ؟؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް